ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ހާލުބޮޑުވި މީހާ ދަރުމަވަންތައަށް ބަދަލު ކޮށްފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ހާލު ބޮޑު ބަލި މީހާ މައި ހޮސްޕިޓަލް، ދަރުމަވަންތައަށް ބަދަލު ކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން މިހެން ބުނެފައިވަނީ މެޑިކަލް ފެސިލިޓީގައި އޮތް ހާލު ބޮޑު ބަލި މީހަކު ދަރުމަވަންތައަށް ބަދަލުކޮށްދޭން އާއިލާއިން އެދުމުންވެސް އެކަން ކޮށްދީފައިނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ފުއްޕާމެއާއި ކިޑްނީގެ ބަލިވެސް ހުރި އެ މީހާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އޮންނަތާ ތިން ދުވަސް ވެއްޖެ އެވެ. އެ މީހާގެ އާއިލާއިން ވަނީ އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށް ދިނުމަށް ތަކުރާރުކޮށް އެދިފައެވެ.

ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރުކޮށްފައިވާ އައިސީޔޫ ޔުނިޓްގައި ހުންނަނީ ނުވަ އެނދެވެ. ނަމަވެސް މިއަދާ ހަމައަށް އެތަނުގައި ނުވަ މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާތީ އެ ޔުނިޓް އޮތީ ފުރިފައެވެ. ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނޫސްވެރިންގެ ބައްދަލްވުންތައް ޗެއާ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ބަލި މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދަރުމަވަންތާގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު މިރޭ ދޫކޮށްލާފައިވާ ކަމަށާ އޭނާ ބަދަލު ކުރީ ހުސްވި އެނދަށް ކަމަށެވެ.

މަބުރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެ މީހާ އޮތްއިރުވެސް ގަޑިން ގަޑިއަށް މޮނީޓާ ކުރެވެމުން ދިޔަ ކަމަށެވެ. އަދި އެ މީހާއަށް ދޭން ޖެހޭ ބައެއް ފަރުވާތައް މެޑިކަލް ފެސިލިޓީގައި ދެވެން ނެތުމުން ޑޮކްޓަރުން އެކަން މިއަދު އަންގާފައިވާ ކަމަށެވެ.