ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދުގެ އިތުރުން މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދުހަމްއަކީ ބޮން ގޮއްލި މީހާ އެވެ.

މުޖާޒު ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުންނެވެ. ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރިޔާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 ހައްޔަރުކުރީ ހުޅުމާލެ އިންނެވެ. އެ ދެ މީހުންވެސް ހައްޔަރު ކުރީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަދި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ބުނާ އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) ގައި ހުއްޓާ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

މި ތިން މީހުންގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ހަމަލާގެ ތުހުމަށް ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު ފާތިހުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށްވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

އޭނާ އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. ނަމަވެސް އެ ހަމަލާ އާއި އޭނާ އާއި އޮތް ގުޅުން ފުލުހުން ހާމަކޮށްދީފައެއް ނުވެ އެވެ. އޭނާ އަކީ ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް ބުނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ސަރަަހައްދުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައްޑޫ އިން ހައްޔަރުކޮށްފައިވާ ނުވަ މީހުން، ރައީސް ނަޝީދަށް ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ވޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.