ފައްޔާޒް އިސްމާއީލް

އެތައް ބައެއްގެ ޒާތީ މައުލޫމާތާއެކު އިންކަމް ސަޕޯޓް ލިބޭ މީހުންގެ މަައުލޫމާތު އާންމުކޮށްފި

May 25, 2021
1

ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ މީހުންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) މިރޭ އާންމު ކުރައްވައިފި އެވެ.

މިނިސްޓަރު ފައްޔާޒު އެކަން ކުރެއްވީ އިންކަމް ސަޕޯޓް ލިބޭ މީހުން ކަނޑައަޅާ ގޮތާއި އެ އެލަވަންސް ދޭ މީހުންނާމެދު ބައެއް އާންމުން ސުވާލު އުފައްދަން ފެށުމުންނެވެ.

ފައްޔާޒު ވަނީ އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އެލަވަންސް ދޭ މީހުންގެ މައުލޫމާތު --ޒާތީ މައުލޫމާތު ހިމެނޭހެން-- އާންމު ކުރައްވާފައެވެ. އެކަމާއި ގުޅިގެން ފައްޔާޒަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި އެފަދަ ލިސްޓެއް އާންމުކޮށްފައިވަނީ ސަރުކާރުތަކުން އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އަދި މި ސަރުކާރުން ކުރިން ވެފައިވާ ވައުދާވެސް ހިލާފަށް ކަމަށް ބުނެ ފައްޔާޒަށް ފާޑުކިޔުން އަމާޒުކުރިއެވެ.

ފަހުން މިނިސްޓަރު ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފައެވެ. އަދި ކަން ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މައާފަށްވެސް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް އެ ފަހުން ވިދާޅުވީ ޒާތީ މައުލޫމާތު އުނިކުރުމަށް ފަހު އަދިވެސް އެ ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް 22,786 މީހަކަށް އެކި ފަހަރުތަކަށް ބަހާލައިގެން ދީފައިވެ އެވެ. މިގޮތުން ދިން ފައިސާގެ އަދަދު 418 މިލިއަން ރުފިޔާއަށް އަރަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.