މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން ބަންދު މުރާޖާ ކުރާން ޖެހެ އެވެ. މީގެ ކުރިން ވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޕެސްޓުގެ ގާނޫނީ ވަކީލުން ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ދައްކާފަ އެވެ. ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށް ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.
ދައުލަތުގެ ވަކީލް ފާހަގަކުރި ގޮތުގައި ހޯދިފައިވާ ހެކިތަކަށް ބަލާއިރު ޕެސްޓަކީ އިމްތިޒާމުވެގެން ރަށްރަށަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އުޅޭ މީހެކެވެ. އޭނާ ބޯޓަކަށް އަރުވަން ހިފައިގެން ދިޔަ ފަންކާއެއް ފުލުހުން ބެލިއިރު އޭގެން މަސްތުވާތަކެތި ފެނިފައިވާ ކަމާއި އެ ފަންކާ ހިފައިގެން އުޅޭ މަންޒަރު ސީސީޓީވީއަށް އަރާފައިވާ ކަަމަށްވެސް ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން އިތުރު ހެކިތަކަށް ބަލާއިރު ޕެސްޓް ގޮސް އުޅޭ މަންޒަރު ފެންނަ ރިހިވެލިގޭގެ ލޮކަރުން ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަށް މަސްތުވާތެކަތި ފެނިފައިވާ ކަންވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ. އެގެއިން ޕެސްޓްގެ އިނގިލީގެ ނިޝާން ފެނުނު ކަމަށާއި އެގެއަށް އޭނާ ވަދެ ނިކުމެ އުޅޭ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ޕެސްޓުގެ ދިފާއީ ވަކީލު ބުނި ގޮތުގައި ރިހިވެލި ގެޔަކީ ތަޅުލާފައި ހުންނަ ގެއެއް ކަމަށާއި އެގެއިން ފެނުނު އެއްޗެއްގެ ޒިންމާ ޕެސްޓް ނަގަން ނުޖެހޭނެ ކަމަށެވެ. އެގެއާ ޕެސްޓާ އެއްވެސް ގުޅުމެއް ނެތް ކަމުގައި ވަކީލް ވިދާޅުވި އެވެ.
ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރައްވާ ގާޒީ ނިންމެވީ ޕެސްޓު ބަންދުން ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޕެސްޓްގެ އިތުރުން މައްސަލާގައި ދެން ދައުވާ ލިބޭ ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ ބަންދަށް ވެސް ވަނީ 30 ދުވަސް މިއަދު އިތުރުކޮށްފަ އެވެ.
ޕެސްޓުގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.