ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކަށް ދައުވާކުރަން ހުށަހަޅައިފި

ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހިމެނެނީ ވ. ސިނަމާލެ 4 3-03 ޝާހިލް މުހައްމަދު (40އ) އާއި ހދ. ކުމުންދޫ، ނަރުގިސްވިލާ، އަހްމަދު އައްފާނު (25އ) ގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ މޮލިވް މުހައްމަދު ހާރޫނު (49އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖުލައި 24ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖެއްސި ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

ފުލުހުން ބުނީ ޕާކިސްތާނު މީހާގެ ލަގެޖުގެ ތެރެއިން ދެ ކިލޯއަށްވުރެ ގިނަ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ޕާކިސްތާން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގައި ތަހުގީގު ނިމި، އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި މި ފެށޭ ހަފުތާ ތެރޭގައި ކޯޓަށް ދައުވާ ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށް ކޯޓުގައި ދައުލަތުން ބުނެފައިވެ އެވެ.

ޕާކިސްތާނުގެ އެ މީހާގެ މައްސަލައިގައި އަދި ދައުވާ ކުރެވިފައިނުވާތީ މައްސަލައިގައި ދައުވާ ކުރެވިއްޖެ ހިނދެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކޯޓުގައި ދިފާއުން އެދުނެވެ.