ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިގްތިސާދު ރަނގަޅު ކުރަން ދެ ރައީސުންވެސް އެހީތެރިވެދޭންވީ

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެހީތެރިވެ ދެއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރީގެ ދެ ރައީސުންގެ އެހީތެރިކަން ހޯއްދެވުމަށް ވިސްނަވަންތޯ ދެންނެވުމުން ރައީސް ވަނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާ އެވެ.

ތަފްސީލްތަކަށް ފަހު ރައީސް ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ވަހީދުވެސް އެހީތެރިވެ ދެއްވަންވީ ކަމަށާ އެކަން ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ.

"ރައީސް ޔާމީންވެސް ޑޮކްޓަރު ވަހީދުވެސް އެހީތެރިވެ ދެއްވަންވީ. އަޅުގަނޑުމެން ބަލައިގަންނާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ފިނޭންސް މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިދިޔަ އަހަރުވެސް އެހީއާއި ލޯނުގެ ގޮތުގައި 1.34 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށާ މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ބޮޑު އެހީ އާއި ލޯނު ލިބުނު ފަހަރު ކަމަށެވެ.

މިދިޔަ އަހަރު އެހީގެ ގޮތުގައި ލިބިފައިވަނީ 872 މިލިއަން ޑޮލަރެވެ. ލޯން އެހީގެ ގޮތުގައި ލިބިފައިވަނީ 466 މިލިއަން ޑޮލަރެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ މި ދަތި އުނދަގޫ ވަގުތުވެސް މިހާތަނަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކާފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ 277 މިލިއަން ޑޮލަރުގެ ލޯނުގެ 75 ޕަސެންޓް ދައްކާފައިވާ ކަމަށެވެ. މި ފައިސާ ދެއްކުމާއި ގުޅިގެން ރާއްޖެއިން ބޭރުން އިތުުރު ފައިސާ ހޯދަން ފަސޭހަވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް އޮތީ ލޯނު ނަގައިގެން ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ރައްޔިތުންގެ ދިރިއުޅުން ހަމަޖެއްސުން ކަމަށެވެ.

އިގްތިސޯދު ރަނގަޅު ކުރުމަށް ރައީސް ޔާމީނާއި ރައީސް ވަހީދު ވެސް އެހީތެރިވެ ދެއްވަންވީ ކަމަށް ސަރުކާރުން ބުނެފައި މިވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭން އިދިކޮޅު ކޯލިޝަނުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް އެ ކޯލިޝަނުން ތަކުރާރުކޮށް ބުނަމުންދާ ވަގުތެއްގަ އެވެ.