ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިދިކޮޅުގެ ސުވާލެއް: މި ދަނޑިވަޅުގައިވެސް އިސްކުރަންވީ ޔާމީނަށް ދޭ އަނިޔާތޯ؟

Mar 8, 2020
8

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، އެ ބަލިން ސަލާމަތްވުމަށް މުޅި ގައުމުގެ އެކުގައި މަސައްކަތް ކުރަންވީ ދަނޑިވަޅުގައިވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރުމަށްކަމަށް ބުނެ އިދިކޮޅުން ފާޑުކިޔައިފި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ރައީސް ޔާމީން މިއަދު މެންދުރު ފުލުހަށް ހާޒިރު ކުރަން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

"ކޮރޯނާ ވައިރަސް އާއި އެކު ރާއްޖެއަށް އައި ކުއްލި ހިތާމައާއި ކަންބޮޑުވުމުގައި އިހުސާންތެރިވެ އެއްބައިވަންތަކަމާއެކު މިބަލިން ސަލާމަތްވުމަށް މަސައްކަތް ކުރާންވީ ވަގުތުވެސް، ރައީސް ސޯލިހު އަވަސް ވެވަޑައިގަތީ ރައީސް ޔާމީން އަށްދެމުންދާ އަނިޔާއިސްކޮށް ފުލުހަށް ހާޒިރުކުރަންތޯ؟" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ސުވާލު ކުރެއްވި އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަަން އެންގުމުން އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވައި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ފުލުހުން ބަލަމުންދާއިރު، ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނަށް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަން ފެށި ފަހުން ފުލުހުން ތަހުގީގު ކުރަން ފާށާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ރައީސް ޔާމީނަށް އަނެއްކާ ވެސް ތުހުމަތު ކޮށްފައި ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑަ ކުރެއްވި މައްސަލަތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.