ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑެންޓް އަދި ހައުސިން ލޯނަށް ލުއި ދޭން މަޝްވަރާ ކުރާނެ

ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދޭން މަޝްވަރާ ކުރައްވާނެ ކަމަށާ ނަމަވެސް މިހާތަނަށް އެކަމަށް ނިންމުމެއް އަދި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން އެތައް ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތަށް ވަނީ ބުރޫ އަރާފަ އެވެ. ސަރުކާރުން ރޭ ވަނީ އަންނަ މަހު ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. މިއީ މިދިޔަ އަހަރުވެސް މަސް ދުވަހަށް ދިން ލުޔެކެވެ.

މިދިޔަ އަހަރު ވަނީ ހައުސިން ލޯނުތައް ފަސް ކޮށްދީ ސްޓޫޑެންޓް ލޯންތައް ވެސް ވަކި މުއްދަތަކަށް ފަސް ކޮށްދީފަ އެވެ.

އެފަދަ ނިންމުމެއް މިފަހަރު ނިންމާފައިވޭތޯ ސުވާލު ކުރުމުން ރައީސް ރޭ ވިދާޅުވީ ކިޔަވާ ކުދިންގެ ލޯނުތަކަށް ލުއި ދިނުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު މިވަގުތު ގޮތެއް ނިންމާފައި ނުވިނަމަވެސް އެކަމުގައި ދެވޭނެ ލުއިތަކެއް އޮތްތޯ ބައްލަވާނެ ކަމަށެވެ.

"ރައްޔިތުންނަށް ދެވޭނެ ލުއިތަކާމެދު، ވެވޭނެ އެހީތެރި ކަމާމެދު މި ދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑު ދެކޭގޮތުގައި މިވަގުތު ލޯނު ނަގައިގެން ވެސް ބޮރޯ ކޮށްގެން ވެސް ރައްޔިތުންނަށް އެހީތެރިވެ ދިނުން އެއީ އެންމެ ރަނގަޅު ކަމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް ވެސް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް 19 އިގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރިލީފް ލޯންގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޫކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ލޯން ދޫކުރުމަށް ހަމަޖައްސާފައިވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.