ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޓުޑަންޓް ލޯން ދެއްކުން ހަ މަހަށް ފަސްކޮށްފި

Mar 30, 2020

ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދެއްކުން ފަސް ކުރަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސް ކޮށްދޭނެކަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މި މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސް ކޮށްފައިވާ ކަމަށާއި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައް ވެސް ހަ މަސް ދުވަސް އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"...އެހެންކަމުން ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ. މި ގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުން. މި ގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން މިކަމަށް އެދި ހުށަހަޅާކަށްވެސް ނުޖެހޭނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.