ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަންނަ ހަފުތާ ބީއެމްއެލް ހުޅުވަނީ ހޯމަ އަދި ބުދަ ދުވަހު

ބައެއް ހިދުމަތްތަކަށް އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްއިން ފޯރުކޮށް ބައެއް އަސާސީ ބޭންކިން ހިދުމަތްތަކަށް އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ އެއިން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

އެ ގޮތުން އެ ދެ ދުވަހު ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ބީއެމްއެލް އިން ލިބޭނެ އެވެ. އެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް އެކަމަށް އެދި ހުށަހެޅޭނެއެވެ. ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީ އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މުވައްޒަފުންގެ ޕެރޯލް ނުވަތަ މުސާރަ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ދެ ދުވަހު ބީއެމްއެލް އިން ލިބޭނެ އެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލްތައް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. ބީއެމްއެލްގެ އެކައުންޓަކުން ޕެރޯލް ހަމަޖައްސާނަމަ ދެ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ ޕްރޮސެސް ކުރެވޭނީ ހެނދުނު 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ އޭޓީއެމްތައް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ވެސް ޕްރޮސެސް ކުރެވޭނީ ބީއެމްއެލް ހުޅުވާ ދެ ދުވަހު ކަމަށް އެ ބޭންކްއިން ބުންޏެވެ. އެ ގޮތުން ހެނދުނު 11:30 ގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއްނަމަ އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކް އިން ބުންޏެވެ.

ބޭންކް ހުޅުވާ ދެ ދުވަހުގެ ހެނދުނު 10.00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަރ ރިކުއެސްޓް އެ ދުވަހަކު ޕްރޮސެސް ވާނެ ކަމަށް ބީއެލްއެމް އިން ބުންޏެވެ. 100،000 ރުފިޔާއަށްވުރެ މަތި އާރްޓީޖީއެސް ޓްރާންސްފާ ޕްރޮސެސް ވާނީ ހެނދުނު 11:30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ރިކުއެސްޓްތަކަށް ކަމަށް ބޭންކް އިން ބުންޏެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ފަހުން ބީއެމްއެލްއިން ދެމުންދާ އަސާސީ ހިދުމަތްތައް ދިނުމަށް ބޭންކް ހުޅުވަނީ ކޮންމެ ހަފުތާއެއްގެ ވަކި ދުވަސްތަކެއްގަ އެވެ. އާންމުކޮށް ހުޅުވާފައި ވަނީ ކޮންމެ ހަފުތާއެއްގެ ކޮންމެ ވެސް ދެ ދުވަހަކަށެވެ.