ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖް 2023 އަކަށް ނުނިމޭނެ: ރައީސް

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރަށް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ރާއްޖޭގައި ބިޔަ މަޝްރޫތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ތިލަމާލެ ބްރިޖްގެ މަަސައްކަތް ކަމަށެވެ. އެ މަޝްރޫއު ވަނީ ބިޑްކޮށް، ބަޔަކަށް އެވޯޑްކޮށް، އެގްރިމެންޓްގައި ސޮއި ކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

ބްރިޖް ހެދުމުގެ އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ބިޑް ޑޮކިއުމެންޓާ ގުޅޭ މަޝްވަރާތަކެއް ކުރަން އެބައޮތް ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އިއްޔެ ވެސް މަޝްވާރެގެ ބައްދަލުވުމެއް ބޭއްވުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެގްރިމެންޓްގައި ސޮއިކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ސޯޅިހް ވިދާޅުވީ 2023 ވަނަ އަހަރުގައި ބްރިޖް މަސައްކަތުގެ ބޮޑުބައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ތިލަފުށްޓާއި ގުޅުވާ ނުލެވޭނެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެން ދޮޅު އަހަރު ގެއްލުމުން ވީކަމެއްގެ ގޮތުގައި ވިދާޅުވި އެވެ. ބްރިޖްގެ ނިމޭނެ ބައި 2023 ވަނަ އަހަރު ހުޅާވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.