މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖްގެ އެއްބަސްވުމުގައި މި ހަފްތާ ތެރޭގައި ސޮއިކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ތިލަމާލެ ބްރިޖް މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭގޮތުން އަވަސް އިން މިއަދު ސުވާލުކުރުމުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިހާރު ބިޑްގައިވާ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ނިންމާފައިވާ ކަމަށެވެ. އެހެންވެ މި ހަފްތާ ތެރޭގައި ބްރިޖްގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.
ބްރިޖުގެ ކޮންޓްރެކްޓަރަކީ ކޮބައިތޯ ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ. ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑުކުރަނީ އިންޑިއާ އިންނެވެ. އެ ގައުމުން ބްރިޖްގެ މަޝްރޫއަށް ފަންޑްކުރަނީ އެ މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ ކުންފުންޏަކާ ހަވާލުކުރަން ޝަރުތުކޮށްފަ އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ޝެޑިއުލްގައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް މީގެ ކުރިން އަކްރަމް ވިދާޅުވެފައިވެ އެވެ. އަދި ފަހުން މީޑިއާ އަށް އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެންމެ ފަހުން ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ 2023 ވަނަ އަހަރު ބްރިޖު މަސައްކަތުގެ ބޮޑުބައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ތިލަފުށްޓާއި ގުޅުވާ ނުލެވޭނެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެން ދޮޅު އަހަރު ގެއްލުމުން ވީކަމެއް ކަމުގައި ވިދާޅުވި އެވެ. ބްރިޖްގެ ނިމޭ ބައި 2023 ވަނަ އަހަރު ހުޅާވާލާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ.
ތިލަމާލެ ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ފިގްރޯ ކުންފުނިން 15 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 300 މިލިއަން ޑޮލަރަކީ ލޯނެވެ.