ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރަނީ

މާލެ ސަރަހައްދުން ކުރިން ދޫކުރުމަށް ހަމަޖެހިފައިވާ 5،000 ގޯތީގެ އިތުރުން އިތުރު ގޯތި ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.

މިއަހަރަށް ހުށަހަޅާ ރިޔާސީ ބަޔާން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިން ވައުދުވެ ވަޑައިގެންނެވި އަދަދަށް ވުރެ އިތުރަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައި ވަނީ 5،000 ގޯއްޗެވެ.

މީގެ އިތުރުން މި ވަގުތު މާލެ ސަރަހައްދުން ދޫކުރަން ނިންމާ ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓްތަކަށް ވަރަށް ގިނަ މީހުން ކުރިމަތި ލާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށް 20،697 މީހުން ކުރިމަތިލާފައިވާ ކަމަށާއި ގޯއްޗަށް 15،164 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

"މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސް ކުރަމުން. މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯ ހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލު ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.