ދުނިޔެ

ރާބް މެދުއިރުމަތީގައި، ފުރަތަމަ ގުދުސްއަށް

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް މެދުއިރުމައްޗަށް ވަޑައިގެންފި އެވެ. ރާބްގެ ދަތުރުފުޅުގެ ބޭނުމަކީ ޔަހޫދީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ވާހަކަތައް ދައްކައި ދެ ގައުމު ސުލްހަ ކުރުމެވެ. އެކަމަކު އެއީ ނޫސްތަކުގައި ސުރުހީ ލިޔެލަން އޭނާ ވިދާޅުވާ ބަސްފުޅެކެވެ. އިނގިރޭސިން އަބަދުވެސް އޮންނަނީ އެއްއަތަށް ބުރަވެ އިޒްރޭލާ އެއްކޮޅަށް ޖެހިގެނެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ގުދުސްއަށާއި ރާމަﷲ އަށް ވަޑައިގެން އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ އެވެ. ރާބް ވިދާޅުވީ މިސްރު މެދުވެރިވެ ސުލްހައަށް ކުރި މަސައްކަތްތަކުން ހަލަލާތައް މެދުކަނޑާލެވިފައި ވާއިރު ސުލްހަ ދެމެހެއްޓޭނެ ގޮތްތަކާ ބެހޭ ގޮތުން އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އިޒްރޭލުގެ ވެރިންނާ އަދި ފަލަސްތީންގެ ވެރިންނާ ވެސް ބައްދަލު ކުރާނަން،" ރާބް ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަނީ ތަކުރާރު ވަމުންދާ ހަމަލާތައް ދާއިމަށް ހުއްޓާލެވޭނެ ނިޒާމެއް އަޅުގަނޑުމެންނަށް ގާއިމު ކުރެވުން" އޭނާ ވިދާޅުވި އެވެ.

ރާބް ވިދާޅުވީ އިޒްރޭލަށް މިނިވަން ދައުލަތެއް މުހިންމުވާ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް މުހިންމު ކަމަށެވެ. އެކަމަކު ފަލަސްތީނަށް މިނިވަން ދައުލަތެއް ނުލިބިގެން އުޅެނީ އިނގިރޭސިންނާ އެމެރިކާގެ މަކަރުވެރި ދެކޮޅު ހެދުންތަކާ ހެދި ކަމަކަށް ވިދާޅެއް ނުވެ އެވެ.

އިޒްރޭލަކީ އިނގިރޭސިންނާ ޖަރުމަން އަދި އެމެރިކާ ގުޅިގެން މެދުއިރުމައްޗަށް ލާފައި ގައުމެކެވެ.

ޑޮމިނިކް ރާބް އާއި އެމެރިކާގެ އެންތަނީ ބްލިންކެން ކިތަންމެ ވަރަކަށް މެދުއިރުމައްޗަށް ވަޑައިގެންނެވި ނަމަވެސް ފަލަސްތީނަށް މިނިވަންކަން ދެއްވަން ކެރިވަޑައި ނުގަންނަވާނެ އެވެ. ދުނިޔެއަށް ކިތަންމެ ރީތި ކުލަތަކެއް ދެއްކި ނަމަވެސް ޔަހޫދީން ނުރުހޭ ކަމެއް އެމެރިކާއާ އިނގިރޭސިވިލާތް އަދި ޖަރުމަނަށް ވެސް ކުރާކަށް ނުކެރޭނެ އެވެ.