ދުނިޔެ

ގުދުސްގައި އެމެރިކާ ކޮންސިއުލޭޓެއް ހުޅުވަން އިޒްރޭލު ދެކޮޅު

ގުދުސްގައި އެމެރިކާއިން ކޮންސިއުލޭޓެއް ހުޅުވުމަކީ އިޒްރޭލުގެ ކަންބޮޑުވުމަކަށް ވެއްޖެ އެވެ. އިޒްރޭލުން ބުނާ ގޮތުން ގުދުސްގައި އިތުރު ހަމަނުޖެހުންތަކެއް ހިންގަން އުޅެފި ނަމަ މިހާރު އޮތް ސަރުކާރަށް ދެމިއޮތުން ބޮޑު މައްސަލައަކަށް ވެދާނެ އެވެ. ކޮންސިއުލޭޓެއް ހުޅުވައި ހިދުމަތް ދޭން ފެށުމުން އެ އޮފީހަށް މީހުން ޖަމާވުން ރައްކާތެރި ކަމެއް ގޮތުގައި އިޒްރޭލުން ނުދެކެ އެވެ.

އެމެރިކާ ކޮންސިއުލޭޓް އޮފީހެއް ފަލަސްތީންގެ ގުދުސްގައި ކުރިން ވެސް ހުއްޓެވެ. އެހެން ނަމަވެސް އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕްގެ ސަރުކާރުން އެ އޮފީސް އުވާލައި ވަނީ ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީއަށް ހިދުމަތްތައް ބަދަލުކޮށްފަ އެވެ.

އެމެރިކާގެ މިިހާރުގެ ރައީސް ޖޯ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުން އެމްބަސީގައި ކުރެވޭ މަސައްކަތްތަކާއި ކޮންސިއުލާ އޮފީހެއްގައި ކުރެެވޭ މަސައްކަތްތައް ވަކިކުރަން ޖެހެ އެވެ. އެމެރިކާއިން މިހާރު ވިސްނަނީ ފަލަސްތީންގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް މުޅިން ވަކިކޮށްލައި ކޮންސިއުލޭޓް މެދުވެރޮކޮށް ޕްރޮޖެކްޓްތައް ހިންގުމަށެވެ.

އިޒްރޭލުން ދެކޭ ގޮތުން އެމެރިކާގެ މި ވިސްނުން ރަނގަޅެއް ނޫނެވެ. މިސަބަބަށްޓަކައި އިޒްރޭލުން ވައިޓް ހައުސްގައި ވެސް މިކަމާ ގުޅޭ ގޮތުން ވަނީ ޝަކުވާ ކޮށްފަ އެވެ. ކޮންސިއުލޭޓް ހުޅުވުން އަދި މަޑުކޮށްދެއްވުމަށް ވަނީ ދަންނަވާފަ އެވެ.

އިޒްރޭލުގައި މިހާރު އޮތް ކޯލިޝަން ސަރުކާރަކީ ރޭޒަރު ތިލައެއްގެ މިޔަ އެވެ. ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ތިބީ އެވަރުގެ ހަނި ފިކުރެއްގަ އެވެ. ސަރުކާރު ވެއްޓި ވެދާނެ ފަލީހަތަކަށް ބިރުން އިޒްރޭލުން މިދުވަސްކޮޅު ކިތަންމެ ކަމަކުން ރެކޭނެ އެވެ.