ދުނިޔެ

އިޒްރޭލަށް ދިޔަ ޔޫރަޕް ސަފީރުންގެ ލޮލަށް ގޮވައިފި

ޔޫރަޕް ގައުމުތަކަށް ނިސްބަތްވާ ސަފީރުންގެ ވަފުދެއް ސުލްހައަށް އެދި މިދާކަށް ދުވަހު އިޒްރޭލަށް ދިޔަ އެވެ. މިއީ އިނގިރޭސިވިލާތުން އިސްނަގައިގެން ފެށި މަސައްކަތެކެވެ.

ވަފުދުގެ މަގުސަދަށް ވެފައި އޮތީ ފަލަސްތީންގެ ބިންތަކުގައި އިޒްރޭލުން ޔަހޫދީންނަށް ގެދޮރު އަޅައިދޭން ހިންގާ ޕްރޮޖެކްޓްތުގެ ވާހަކަ އެވެ.

ފަލަސްތީންގެ ބިންތަކުގައި އާބާދީތައް އިތުރު ކުރުމާއި ފަލަސްތީން ރައްޔިތުން ގެދޮރުން ބޭރުކޮށް އިމާރާތްތައް ސުންނާފަތި ކުރުމަކީ ޔޫރަޕަށް ކަމުދާ ކަމެއް ނޫންކަން ބުނެ ދިނުމަކީ ވެސް އޮތް އުންމީދެކެވެ.

އިޒްރޭލު ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއެކު ސަފީރުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އިޒްރޭލުގެ އާބާދީއަށް ދިރިއުޅުން ތަނަވަސް ކޮށްދޭން އެ ގައުމުގެ ސަރުކާރުން ކުރާ މަސައްކަތްކާ މެދު ޔޫރަޕްގައި ނުތަނަވަސްކަން އޮތް ކަމަށް ދެންނެވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަފީރުންގެ މަޝްވަރާތައް ރަނގަޅަށް ނުފެށިގެން އުޅެނިކޮށް އިޒްރޭލުގެ އޮފިޝަލް ޖަލްސާ މާލަމުގައި އަޑުގަދަ ކުރައްވައި ސަފީރުންގެ ލޮލަށް ބޮލަށް ގޮންވަން ފެށި އެވެ.

އިޒްރޭލުގެ އާ ސަރުކާރުން ފަލަސްތީން މީހުންނާ މެދު ގާތްކޮށް ހިތުމަކީ ޔޫރަޕަށް އޮތް ކަންބޮޑުވުމެއްތޯ އިޒްރޭލުގެ އޮފިޝަލް ސުވާލުކުރެއްވު ކަމަށްވެ އެވެ.

"ތި އައީ ފަލަސްތީން މީހުންނަށް އިޒްރޭލުން ކޮށްދޭ ކަންތައްތައް ރަނގަޅު ކަމުން އެކަމާ ޝަކުވާ ކުރަންތަ؟" އެނާ ސުވާލުކުރެއްވި ކަމަށްވެ އެވެ.

"ދެކޮނޑު ދޭތެރޭގައި ބޮލެއް ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އިޒްރޭލުގެ އާ ސަރުކާރުން ފަލަސްތީނަށް ދޭ އަހަންމިޔަތުންކަން،" ޔޫރަޕް ސަފީރުންނާ ދިމާއާށް އިޒްރޭލު އޮފިޝަލް ގޮވައިގަތް ކަމަށް ހަބަރުތައް ބުނެ އެވެ.

ބައްދަލުވުން ހިނގައި ދިޔަގޮތް ރަނގަޅަށް އެނގޭ މީހުން ޚަބަރަށް ކިޔައިދިން ގޮތުގައި، އިޒްރޭލުގެ ނިންމުންތަކުގައި ގާނޫނީ ހަމައެއް ނެތް ކަމަށް ސަފީރުން ވިދާޅުވި އެވެ. އަދި އިޒްރޭލުގެ ރޭވުންތަކަށް ޔޫރަޕުން އިހުތިޖާޖު ކުރާނެ ކަމަށް ވެސް ދެންނެވި އެވެ.

މަޝަވަރާތަކުން އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޔޫރަޕްގެ ވިސްނުމަކީ އެ އިއްތިހާދުން ވިސްނާ ގޮތް ކަރުދާހަށް ގެނެސް އިޒްރޭލަށް ހުށަހެޅުން ކަމަށް ދެނެތިބީން ބުނެ އެވެ.