އަރަބި، ފަލަސްތީނަށް ނެތް ކިތަންމެ ހައްގެއް -- އިސްތިއުމާރުކޮށްފައި ހުރި ބިންތަކުގައި -- އޭނާއަށާއި އޭނާގެ އާއިލާއަށް އަދި ކޮންމެ ޔަހޫދީއަކަށް ވެސް އޮންނަން ޖެހޭ ކަމަށް، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު، އިތަމާރު ބެންގަވީރު ވިދާޅުވެއްޖެ އެވެ.
ގުދުސް އާއި ހުޅަނގު އައްސޭރި އަދި މިފަދައިން ފަލަސްތީނަށް ނިސްބަތްކުރެވޭ ބިންތަކަކީ ޔަހޫދީންގެ މުގައްދަސް ބިންތަކެއް ކަމަށް ވެސް ބެންގަވީރު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީންގެ ބިންތަކުގައި ވަޒަންވެރިވެފައި ތިބި އަރަބީންނަކީ އެ ސަރަހައްދުން ފައިބައިގެން ދާން ޖެހޭ ބައެކެވެ.
އިޒްރޭލުގެ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ބެންގަވީރު ވިދާޅުވީ އޭނާގެ ހައިސިއްޔަތުގެ މައްޗަށް ގޮތްފޮތް ކިޔޭނެ އެހެން ފަރާތެއް ގަބޫލުނުކުރައް ކަމަށެވެ. އަރަބިންނަކީ ގުދުސްއިން ފައްސާލަން ޖެހޭ ބައިގަނޑެއް ކަމަށް ވެސް އިތަމާރު ބެންގަވީރު ވިދާޅުވި އެވެ.
ބެންގަވީރުގެ ވާހަކަތަކާ ގުޅިގެން އަރަބި ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މި ދަނޑިވަޅުގައި އަރަބި ގައުމަކުން ނެރެފާނެ ބަޔާނެއްގައި ބާރުޖެހިދާނެތީ އެމެރިކާއިން ވަނީ ދެމެދަށް ވަދެ އިންޒާރެެއް ނެރެފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބާރުއަޅާފައި ވަނީ ހަމަނުޖެހުން އިތުރުވެދާނެ ބަސްތަކުން ދުރުހެލިވުމަށެެވެ.
ބެންގަވީރުގެ ބަސްތަކަކީ އޭނާގެ ޚީޔާލާއި ފިކުރު ކަމަށާއި -- ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތަކުގައި ބެންގަވީރުގެ އަމިއްލަ ފިކުރެއް ނޯންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުން ޔަހޫދީންނަށާއި އަރަބީންނަށް އެކުއެކީގައި ފަލަސްތީންގެ ބިންތަކުގައި އުޅެވެން ޖެހެ އެވެ. ޔަހޫދީންނަށް މިނިވަންކަން އޮތް ފަދައިން ފަލަސްތީންގެ ރައްޔިތުންނަށް ވެސް މިނިވަންކަން އޮންނަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.
ބެންގަވީރު މި ގޮތަށް ވިދާޅުވާ ބަސްތަކާ ގުޅިގެން އެ ސަރަހައްދުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގައިދެ އެވެ. މި ސަބަބަށް ޓަކައި އެމެރިކާ އާއި ޔޫރަޕުން ވެސް ވަނީ ބެންގަވީރުގެ ހަރުކަށި ބަސްތައް ކުށްވެރިކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނުގައި ވެސް ވަނީ ފަލަސްތީންގެ ރައްޔިތުން ހެލިފެލިވެ އުޅުމަށް ބުރޫ އަރައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.
މިއީ ލިޔުންތަކުގަ އާއި ބަޔާންތަކުގައި ލިޔެލަން ފަސޭހަ ލަފުޒުތަކެއް ނަމަވެސް، ފަލަސްތީންގެ ރައްޔިތުންނަށް އެ މީހުންގެ ބިންތައް ހޯދައި ދިނުމުގައި އެމެރިކާ އާއި ޔޫރަޕް އޮތީ ބޮޑު ފޭލިވުމަކުން ފޭލިވެ، ބިރުގެންފަ އެވެ.