ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

މެޑިކަލް ފެސިލިޓީގެ މައްސަލަ މަޖިލީހަށް

ކޮވިޑަށް ފަރުވާ ދޭން މާލޭ ސަރަހައްދުގައި ގާއިމް ކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ކަންކަން ރަނގަޅުކޮށް އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 35 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މީހުން މިހާރަަކަށް އައިސް ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު ފާއިތުވި ދުވަސްތަކުގައި މަރުވި ގިނަ މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވި މީހުން ކަމަށެވެ.

އަދި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 41 މީހުން މަރުވެފައިވާއިރު އޭގެތެރެއިން 27 މީހުން މަރުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިނުމުގައި މައްސަލައެއް ނުވަތަ ދަތިތަކެއް ހުރިތޯ ބަލައި އެ ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން ދިރާސާކޮށް އެކަމާ ގުޅިގެން އަވަސް ފިޔަވަޅު އަޅަން ގޮވާލައްވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުންވެސް ތިބިއިރު އެތަން ފުލްވެ ހިދުމަތްތައް ރަނގަޅަށް ނުލިބޭއިރު އަޅާލުން ނުލިބޭ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެތަނުގައި އެކަށީގެންވާ ނަރުުހުންނާ ޑޮކްޓަރުން ވެސް ނެތެވެ.