ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގައި ތާށިވެފައި ތިބި މީހުންގެ ހަރަދު ސަރުކާރުން ދޭން ފާހެއް ނުވި

އެކި ބޭނުންތަކަށް މާލެ އައިސް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ކުރުމާ ގުޅިގެން އަނބުރާާ ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް އިދިކޮޅު ކޯލިޝަނުން ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން މަޖިލީހުން ލަފާ ދޭ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެ އިސްލާހެއް ހުށަހެޅުއްވި އެވެ.

ފުރަތަމަ ހުށަހެޅުމަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްކަަށް ކޮވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ދިނުމެެވެ. ދެވަނަ ހުށަހެޅުމަކީ މާލޭގައި ތާށިވެފައި ތިބި މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ދިނުމަށެވެ.

އެ ދެ އިސްލާހު ވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 40 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޓީގެ ރިޕޯޓް ފާސްކުރި އެވެ. ހިއުމަން ރައިޓްސް ކޮމިޓީގެ ރިޕޯޓް ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކި ގޮތަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ދަރިންނާ ހަވާލުވެ އާއިލާ ފަރާތަކު ނެތިއްޖެ ހާލަތެއްގައި ސަރުކާރުން ހިމާޔަތް ދިނުން ހިމެނެ އެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް އިނާޔަތްތަކެއް ދިނުމާއި އެންމެނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ކުރަން ބޭނުންވާ ގާނޫނީ ބަދަލު ގެނައުން ވެސް ހިމެނެ އެވެ.

މަޖިލީހުން ސަރުކާރަށް ލަފާ ދިނުމުގެ މައްސަލާގައި މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޓީގެ އިތުރުން ލާމަރުކަޒީ ކޮމިޓީ އާއި، އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި، ޕެޓިޝަން ކޮމިޓީ އާއި، ޖުޑިޝަރީ ކޮމިޓީ އާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާއި އެސްއޯއީ ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ.