ނަޝީދަށް އަމާޒު ކުރި ހަމަލަ

ސީދާ ނަޝީދަށް ތަހުގީގުގެ މައުލޫމާތު ނުދޭތީ ކަންބޮޑުވެއްޖެ

May 26, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު އެކަން ހާމަކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ބިލަތްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ.

ހަލީމް ވިދާޅުވީ ރައީސް ނަޝީދާ މިއަދު ވާހަކަދައްކާލުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި މިވަގުތު ޖަރުމަންގައި ހުންނެވި ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ރަނގަޅެވެ.

ރައީސް ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތަހުގީގުގެ މައުލޫމާތު ސީދާ އެމަނިކުފާނަށް ނުލިބި ރައީސް އޮފީސް މެދުވެރިކޮށް އެ މައުލޫމާތު ސާފުކުރުން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ކާރުކޮޅުގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އެ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދުމަށްފަހު ރައީސް ނަޝީދު ޖަރުމަނަށް ގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ޖަރުމަނުގެ ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާފުށްތަކުގެ ތެރެއިން 10 ރޭޒާފުށް ވަނީ އެމަނިކުފާނުގެ ހަށިކޮޅުން ނަގާފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް (25 އ)އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދު (32 އ) އާއި، މއ. ފޭރުގެ، މުޖާޒު އަހްމަދު (21 އ)ގެ އިތުރުން ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހު (23 އ) އެވެ.

މިހަތަރު މީހުންގެ ތެރެއިން ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އަނެއް ތިން މީހުން ހައްޔަރުކުރީ މާލެ އިންނެވެ. މިހަތަރު މީހުންގެ ތެރެއިން ސައިކަލްގެ ވެރިޔަކީ ތަހްމީން އެވެ. އެކަމަކު އެ ސައިކަލް ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ބެހެއްޓީ ފާތިހު ކަމަށް ފުލުހުން ބުނެ އެވެ. އަދުހަމަކީ ހަމަލާ ދިން އިސް މީހާ ކަމަށާއި ހައްޔަރުކުރި އެންމެނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ތަހުގީގުގައި ހޯދާ ކޮންމެ ކުރިއެރުމެއްގެ މައުލޫމާތު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ގެންދަވަނީ ވަގުތުން ވަގުތަށް ރައީސް އަށް އެމައުލޫމާތު ހިއްސާކުރައްވަމުންނެވެ. އަދި ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު ތަހުގީގުގެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާ ފުލުހުން ހިއްސާކުރަމުންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.