ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަަމަޖައްސަން ސަރުކާރުން ދެ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެގޮތުން ފަނޑިޔާރުންގެ ގާނޫނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަަމަޖައްސަން ބިލުގައި ހިމަނާފަ އިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލްގައި ބުނާ ގޮތުން އުއްތަމަ ފަނޑިޔާރަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ފޯރުކޮށްދޭން ޖެހެ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސަދޭން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އަދި އެގެއަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައި ހުރި ގެއަކަށް ވާންޖެހޭނެ ކަމަށްވެސް ޝަރުތު ކޮށްފައިވެ އެވެ.
ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަން ޖެހެނީ ސުޕްރީމް ކޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅޭނެ ރަސްމީ ގެކޮޅެއް ހަމަޖައްސައި އެމްއެންޑީއެފް އިން ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހެ އެވެ. އަދި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައިދޭން ޖެހޭނީ މަޖިލީހުގެ އިދާރާ އިން ކަމަށް ބިލްގައިވެ އެވެ.
މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ސަރުކާރުން ނިންމީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.
ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އެ ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ވަނީ ޖަރުމަނަށް ވަޑައިގެން އިތުރު ފަރުވާ ވެސް ހޯއްދަވާފަ އެވެ. މިވަގުތު ވެސް ރައީސް ނަޝީދު ހުންނެވީ ޖަރުމަންގަ އެވެ.