ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު އެމަނިކުފާނުގެ ރަސްމީ މަަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ބުނެފި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިއްޔެ ވަނީ އެއް އަހަރު ފުރިފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ރޭ ދަންވަރު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަކީ ހަމައެކަނި ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއެއް ނޫން ކަމަށާ އެއީ ދިވެހި ދައުލަތާއި މުޅި މުޖްތަމައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ގާނޫނުގެ ބާރާއި ދީމިގްރާތީ މުއައްސާތަކަށްވެސް ދިން ހަމަލާއެއް ކަމަށެވެ.
އެ ހަމަލާއަކީ ދިވެހި އިގްތިސާދާއި ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔެ ރާއްޖެއާމެދު މެދު ރީތި ގޮތާއި ތަސައްވުރުވެސް ބަދަލުވެދާނެ ފަދަ ނުރައްކާ ހަމަލާއެއް ކަމަށްވެސް ބުންޏެވެ.
"އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު އެ ހަަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެއެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބާކީ ތިބި 8 ފަރާތުގެ ޝަރީއަތް ވަނީ އެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް މަޑުޖެހިފައެވެ،"
މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ ޓެރަރިސްޓް ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ. އަދި އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު އެމަނިކުފާނުގެ ރަސްމީ މަަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށެވެ.
"އެހެން ކަމުން އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރީންނާއި އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަހުގީގު ކުުރުމުގެ މުހިންމުކަން މި ހިނދުގައި ފާހަގަކުރަމެވެ. ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ ފަހުގެ ތާރީހެއްގައި އެފަދައިން ދިންް އެންމެ ބޮޑު ހަމަލާއެވެ. އެފަދަ ހުރިހާ ހަމަލާތަކެއް ތަހުގީގުކޮށް ޝަރީއަތް ހިންގާ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރަމެވެ،" މަޖިލީހުގެ ބަޔާނުގައިވެއެވެ.