ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މެޑިކަލް ރިޕޯޓް 241 ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލައިގައި އެ މަނިކުފާނުގެ ހަށިގަނޑަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓް އެ ކޮމިޓީއަށް މިހާރު ލިބިފައިވާ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ވަނީ މެޑިކަލް ރިޕޯޓު ކޮމިޓީއާއި ހިއްސާ ކުރައްވަން ރައީސް ނަޝީދު އެދިވަޑައިގަންނަވާތީވެ ކޮމިޓީއަށް އެ މެޑިކަލް ރިޕޯޓް ފޮނުއްވާފަ،" އަސްލަމް ވިދާޅުވި އެވެ.

241 ކޮމިޓީއަށް ހުށަހެޅި ރިޕޯޓަކީ ވަކި ފަރުދެއްގެ މެޑިކަލް ރިޕޯޓެއް ކަމަށާއި މެޑިކަލް ރިޕޯޓާ އެކު ފޮނުއްވާފައިވާ ސިޓީވެސް ފޮނުއްވާފައި ވަނީ ސިއްރު ސިޓީއެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މެޑިކަލް ރިޕޯޓު ފޮނުވާފައިވަނީ ހަމައެކަނި ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށްވާތީ މެޑިކަލް ރިޕޯޓް އާންމު ނުކުރައްވާނެ ކަމަށެވެ. އަދި މެޑިކަލް ރިޕޯޓުން ކުރާނެ އިތުރު ދިރާސާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. ރިޕޯޓް ފޮނުވީ ހަމައެކަނި ކޮމިޓީއާއި ހިއްސާ ކޮށްލަން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓު 241 ކޮމިޓީގައި ސިއްރު ރިޕޯޓެއްގެ ގޮތުގައި ފައިލްކުރުމަށްވެސް އަސްލަމް ވަނީ ނިންމަވާފަ އެވެ.

"އެއްވެސް ބޭފުޅަކު މި ރިޕޯޓުގައި ހިމެނޭ އެއްވެސް މައުލޫމާތެއް އާންމު ނުކުރެއްވުން އެދެން،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދު މެޑިކަލް ރިޕޯޓަކީ ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށްޓަކައި ފޮނުވާފައިވާ ރިޕޯޓެއް ކަމުން ކޮމިޓީގެ މެންބަރުންނަށް ކޮންމެ ވަގުތަކުވެސް ރިޕޯޓު ބައްލަވާ ލެއްވޭނެ ކަމަށާއި ނަމަވެސް އެ ރިޕޯޓު އަދި ރިޕޯޓުގައިވާ އެއްވެސް މައުލޫމާތެއް ކޮމިޓީން ބޭރު ނުކުރެއްވުމަށް އަސްލަމް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓާއި ގުޅިގެން 241 ކޮމިޓީން ކުރަންޖެހޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.