ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ހީނހެދި: ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން އެކަން ޖޯކަކަށް ހައްދަވައިގެން ހީސަމާސާ ކޮށް ހެއްދެވި ކަމަށް ވިދާޅުވެ މެންބަރު އިމްތިޔާޒާ ދެކޮޅު އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނަށް އިންތިގެ ކެމްޕެއިން ތަރުޖަމާން ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި ޒަހަމުތަކެއް ލިބިވަޑައިގަތެވެ.

އިމްތިޔާޒުގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ނަޝީދަށް ހަމަލާދިން ރޭ މަޖިލީހުގައި އޮތް ކުއްލި ޖަލްސާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ކިބައިންވެސް ފެނުނީ ހިތާމަ އާއި މާޔޫސްކަން ކަމަށެވެ. އަދި ހުރިހާ މެންބަރުންވެސް އެ ވަގުތު ދައްކަވަމުން ގެންދެވީ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކަ ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ނޫން މަންޒަރެއް މަޖިލީހުގެ ކާކޮޓަރި ތެެރެއިން ފެނިވަޑައިގަތް ކަމަށެވެ. އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައެއް މެންބަރުން ޖޯކަކަށް ހައްދަވާ ހީސަމާސާ ކުރެއްވުމެވެ. އެކަމަށް ކެތްނުކުރެވިގެން އެ ކޮޓަރިން ނިކުންނެވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އެއްބައިކުރަން ކަމަށް ވިދާޅުވެ މިއަދު ނިކުމެ ތިބީ އެ މެންބަރުން ކަމަށެވެ.

"މަޖިލީސްގެ ކާކޮޓަރި ތެރޭގައި ހީސަމާސަ ކުރާވަރުން ކެތްނުވެގެން އަޅުގަނޑު ނިކުތިން އެ ތަނުން. އެ ހީސަމާސާ ކުރި މީހުން މިއަދު މި ޕާޓީ އެއްބައިކުރާށޭ ކިޔައިގެން އެ ދައްކާ ވާހަކަތަކުގައި ތިޔަ ބޭފުޅުން ޖެހިވަޑައިނުގަންނަވާތި،" ވަހީދު ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ތެރެއިން މާސީރިއަސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ ނަޝީދުގެ އެންމެ ވަފާތެރި މެންބަރުން މީގެ ކުރީންވެސް ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.