މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ގުޅުން އެބަ އޮތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ތުހުމަތު ކުރައްވައިފި އެވެ.
ބޮންޑޭ އެފަދަ ތުހުމަތުތަކެއް ކުރެއްވީ ހޯމް މިނިސްޓަރު އިމްރާންއާ ބަންޑާރަ ނައިބު ރިއްފަތު އިބްރާހިމް އިތުރުފުޅު ހައްދަވާތީ އެކަމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިން އެވެ.
ބޮންޑޭ ވިދާޅުވީ އިމްރާން އިތުފުޅު ހައްދަވަމުންދާ ކަމަށާއި އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން "ބަޣާވާތް" ކުރުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެއް ކަަމަށެވެ.
އިމްރާންއަށް ފާޑު ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ވެސް ހޫނު ބަހުގެ ހަަމަލާތަކެއް ބޮންޑޭ ދެއްވި އެވެ.
އެގޮތުން އަލީ ޒާަހިރު ޓުވިޓާގައި ރައީސް ނަޝީދަށް އައުގުރާނަގޮވި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ އަލީ ޒާހިރުގެ ބަސް މަގު ހުރީ ވަރަށް ހުތުރުކޮށް ކަަމަށެވެ.
"އަދި ގޮއްވާލި ބޮމުގެ ހާދިސާއާ އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ އެ ފަރާތްތަކާ ގުޅުން ހުރިކަން. ރައީސް ނަޝީދު އަވަހާރަކޮށްލަން އެ ގޮއްވާލި ބޮން ހަމަ ސީދާ އެ ފަރާތްތަކާ ގުޅޭކަން އަޅުގަނޑަށް ވަރަށް ބޮޑަށް ކަށަވަރުވެއްޖެ" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ މިއީ ވަަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ބޭރު ދޭން ކެނޑިނޭޅި ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންދާ އިރު ގައުމީ މަޖިލިސް މިހާރު އޮތީ ހިސާރުކޮށްފައި ކަމަށާއި އަދި ރައްޔިތުންގެ މަޖިލިސްވެސް އޮތީ ސަރުކާރުގެ އަތް ދަށަށް ގެނެސްފައި ކަމަށެވެ.