ރައްޔިތުންގެ މަޖިލިސް

ތުހުމަތުތަކަށް އަދާލަތުގެ ޝައުގެއް ނެތް

"އަނދިރި ދައުލަތާ" އަދާލަތު ޕާޓީއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ޖަވާބު ދޭން ބޭނުން ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ސިޔާސީ ވިސްނުމުގައި ބަޔަކު ދައްކާ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. އަދި މިވަގުތު އިސްކަން ދެނީ ޕާޓީގެ މަސައްކަތަށް ކަމަށެވެ. ޕާޓީއަށް 10،000 މެމްބަރުން ހޯދުުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނދިރި ދައުލަތެއް ރާއްޖޭގައި އޮތް ކަމަށް ދެކެވޭ ވާހަކަތައް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދޮގު ކުރައްވަ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އަނދިރި ދައުލަތް ނެތް ކަމަށް އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރަން އަނދިރި ދައުލަތް ރުއްސަން ޖެހޭތީ ކަމަށެވެ.

"އަނދިރިދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ވިދާޅުވަމުން ދޭ" އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީއާ އަނދިިރި ދައުލަތާ ގުޅުން އޮންނަ ކަަމަށް ތުހުމަތުތައް ކުރާ އިރު އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ތާލިބާނުންނާއެކު ތަމްރީނެއް ހެދި ކަމަށް ވެސް ތުހުމަތުތައް ކުރެ އެވެ. އެ މައްސަލަ ބަލަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް މިއަހަރު ކުރީކޮޅު އެންގެވި އެވެ. ނަމަވެސް އެކަން ފަހުން ވީގޮތެއް ސާފެއް ނުވެއެވެ.

ރައީސް ނަޝީދު ވެސް ފަހަކަށް އައިސް ގެންދަވަނީ އަދާލަތަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެ ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއްގެ ގޮތަށް ސިފަކޮށް ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރަކުން ވެރިކަމަށް އައި ނަމަވެސް އަދާލަތު ޕާޓީން ސަރުކާރު ހިސޯރު ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ސްޕޮންސާ ކޮށްގެން ހުށަހެޅި "ހިސާން ބިލަ" ށް ސަރުކާރުން ތާއީދު ކުުރުން ހުއްޓާލީވެސް އަދާލަތުގެ ނުފޫޒުން ކަމަށެވެ.