ބޮންޑެ އިބްރާހިމް ރަޝީދު

ރައީސްގެ ގަޓެއް ނެތް، ކެބިނެޓް އުވާލާ އިސްތިއުފާދީ: ބޮންޑެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށް ވިދާޅުވެ ކެބިނެޓް އުވާލާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާ މެންބަރު ބޮންޑެ މިކަމަށް ގޮވާލެއްވީ މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައެވެ.

ބޮންޑެ ވިދާޅުވީ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ކަމަށާ ނަމަވެސް ބިލާ ދެކޮޅު ހައްދަނީވެސް ސަރުކާރުން ކަމަށެވެ. މި ބިލް މިދަނޑިވަޅުގައި މަޖިލީހަށް ގެނައި ސަބަބާމެދުވެސް ބޮންޑެ ސުވާލު އުފެއްދެވިއެވެ. ވިދާޅުވީ މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލުން ކަމަށެވެ.

"ސަރުކާރުން އިއްޒަތްތެރި ރައީސް މި ބިލް ހުށައެޅީ. ސަރުކާރުން މި ބިލާ ދެކޮޅަށް ވާހަކަ ދައްކަނީވެސް،"

ބޮންޑެ ވިދާޅުވީ ނަފްރަތުގެ ބިލާ ދެކޮޅަށް ކައުންސިލުންތަކުން ބަޔާން ނެރުނީ ބިލް ނުވެސް ކިޔާ ކަމަށާ ބަޔާން ނެރެ ބިލާ ދެކޮޅަށް ވާހަކަދައްކަން ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީންވެސް އަންގާފައިވާ ކަމަށެވެ. ކަންކަން މިހާ ހިސާބަށް ދިއުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އެއްވެސް އިތުބާރެއް ނެތް ކަަމަށް ވިދާޅުވެ ބޮންޑެ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއް ކޮށްފައި ފަހަތަށް ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން އަޅުގަނޑު އެދެން ހަމަ. އެއީ އެހާ ގަޓެއް ނެތީމަ. މިއީ ވަރަށް ނުބައި ދަލެއްގައި މި ޖެއްސީ،" ބޮންޑެ ވިދާޅުވިއެވެ.