އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލް ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ބަދަލުކުރަނީ

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫގައި ހިންގާ ފްލައިން ސުކޫލް ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ބަަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދިއުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ގިނަ ދަރިވަރުންނަކީ ލޯން ނަގައިގެން ކިޔަވަމުންދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެންގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުން ނެވެ.

ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "އަވަސް" އަށް ވިދާޅުވީ އެ ސްކޫލް ރާއްޖޭގެ ކޮލެޖެއް ދަށަށް ބަދަލުކުރަން ވަރަށް ބާރު ސްޕީޑްގައި މިހާރު މަޝްވަރާތައް ކުރިއަށް ގެންދާ ކަަމަށެވެ. ނަމަވެސް އެ ކޮލެޖުގެ ނަމެއް ވިދާޅެއް ނުވެއެވެ.

"އިރާދަކުރެއްވިއްޔާ މި ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް ވަންޏާ ކައިރި މުސްތަގުބަލެއްގައި އެ ކޮލެޖުގެ މެނޭޖްމަންޓުން ދަރިވަރުންނާ ބައްދަލުކޮށް ކުދިންގެ ކަންކަން ކުރިއަށް ގެންދާނެގޮތް ދަރިވަރުންނާ ހިއްސާ ކުރާނެ" ފަޒީލް ވިދާޅުވި އެވެ.

ފަޒީލްގެ ދެކެވަޑައިގަންނަވާ ގޮތުގައި ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލުކުރުމުން ދަރިވަރުންނަށް މިހާރު ދިމާވެފައިވާ މައްސަލަަތައް ހައްލުވެގެންދާނެ އެވެ. އަދި މިއީ ހަމައެކަނި ތޮށިގަނޑު ބަދަލުކޮށްލުން ކަމަށް ނުވާނެކަމަށާއި އަދި ކޮލެޖުން ހުރިހާ ޒިންމާއެއް ނަގާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައެވެ.

" އަޅުގަނޑުގެ އެދުމަކީވެސް އަދި އާދޭހަކީވެސް ސަރުކާރުން، މި ކަންކަމާ ހަވާލުވެ ކޮލެޖަށް އެއްބާރުލުން ދެއްވައިގެން މި ސްކޫލް ހިންގުމަށް ދެވެން އޮތް އެންމެ ރަނގަޅު ފުރުސަތެއް ދެއްވުން. އޭރުން އައްޑޫއަށާއި މުޅި ދެކުނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެން ދާނެ" ފަޒީލް ވިދާޅުވި އެވެ.

ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލުކުރަން މަސައްކަތް ފެށިއިރު އެ ސުކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސިރަންޖަން ޑި-ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިދިޔަ ހަފްތާގައި ވަނި ބާތިލްކޮށްފަ އެވެ.