މޫސުން

ބައެއް ރަށްތަކަށް އުދަ އަރާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ އެވެ.

ކަނޑުތައް ގަދަވެފައި ވާތީ ރާއްޖޭގެ ހުރިހާ ހިސާބެއް ހިމެނޭ ގޮތަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވި ކަމުގައި ވިޔަސް މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ސަރަހައްދުތަކަށް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ.

މެޓުގެ ފޯކާސްޓް ދައްކާ ގޮތުން ވައިޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.