ޓެކްނޯލޮޖީ

ޓްވިޓާއަށް ރިއެކްޓް ފީޗާ އަންނަނީ

Jun 1, 2021

ކުރީގައި ތަރިއެއްގެ ސިފައިގައި އަދި މިހާރު ހިތެއްގެ އައިކަން އެއް ގޮތަށް އިންނަ ޓްވިޓާ ލައިކް ބަޓަނަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް އެޕް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

އެޕް ދިރާސާ ކުރާ ޖޭން ވޯންގް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ޓްވިޓާގެ ލައިކް ފީޗާ ފޭސްބުކްގައި މިހާރު އިންނަ ރިއެކްޓްފީޗާ ގޮތަށް ބަދަލުވެގެން ހިނގައި ދާނެ އެވެ. މި ރިއެކްޓް ތަކުގެ ތެރޭގައި "ލައިކް"، "ހާހާ"، "ސޭޑް"، "ހްމް" އަދި "ޗިއާ" ހިމަނާފާނެ އެވެ.

ފޭސްބުކް ގޮތަށް ރިއެކްޓް ތަކުގެ އަދަދު ވެސް ފެންނަން އިންނާނޭ ކަމަށް ޖޭން ވޯންގް ބުނެފައި ވެއެވެ.

ޓްވިޓާ އިން ވަނީ އެކަމާ ގުޅިގެން ކުރިން ސާވޭ ތަކެއް ވެސް ހަދާފަ އެވެ. ޓްވިޓާ އިން ބުނި ގޮތުގައި އެ ކުންފުނިން ދަނީ އެޕް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ އާ ފިޗާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓްވިޓާ އިން ދަނީ ބައިވަރު އާ ފިޗާތަކެއް ގެންނަން ތައްޔާރު ވަމުންނެވެ. އޭގެތެރޭގައި "ޕްރިމިއަމް ސަބްސްކްރިޕްޝަން ސާވިސް" އާއި "ޓިޕް ޖާ" ހިމެނެ އެވެ.

މި ރިއެކްޝަންތައް އާންމުންނަ ބޭނުން ކުރެވޭ ގޮތަށް ނެރޭނެ ވަކި ދުވަހެއް ޖޭންގެ ޓްވީޓްގައި ބުނެފައެއް ނުވެ އެވެ. އަދި ޓްވިޓާ އިންވެސް މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.