ޓެކްނޯލޮޖީ

ޓްވިޓާއިން ސެކިއުރިޓީ ކީ ބޭނުން ކުރެވޭގޮތް ހަދަައިފި

ޓްވިޓާއިން އޮތެންޓިކޭޝަން ފުރިހަމަ ކުރަން ހަމަ އެކަނި ސެކިއުރިޓީ ކީ ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

ޓްވިޓާގެ ޓޫ ފެކްޓާ އޮތެންޓިކޭޝަންގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައީ ޕާސްވޯޑަކާއި އެސްއެމްއެސް ވެރިފިކޭޝަން ނުވަތަ ވެރިފިކޭޝަން އެޕެކެވެ. ނަމަވެސް ވެރިފިކޭޝަންގެ މި ގޮތްތަކަކީ އެހާ ރައްކާތެރި ގޮތްތަކެއް ނޫން ކަމަށް ޓްވިޓާއިން ވެސް ވަނީ އެއްބަސް ވެފަ އެވެ.

މިދިއަ މާޗް މަހު ޓްވިޓާއިން ވަނީ ސެކިއުރިޓީ ކީއެއް ބޭނުން ކޮށްގެން އޮތެންޓިކޭޓް ކުރެވޭ ގޮތް ހަދާފަ އެވެ. ނަމަވެސް އެއާއެކުވެސް އެހެން ވެރިފިކޭޝަނެއް އަދި ބޭނުން ކުރަން ޖެހެ އެވެ.

މިިއަދު ޓްވީޓާއިން ބުނީ މިހާރު ހަމަ އެކަނި ސެކިއުރިޓީ ކީ ބޭނުން ކޮށްގެން އޮތެންޓިކޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ސެކިއުރިޓީ ސެޓިންސްގެ ތެރެއިން އެކަން ކުރެވޭނެ ކަމަށެވެ.

ޓްވިޓާއިން ބުނި ގޮތުގައި މި ހިދުމަތް ޓްވިޓާ ބޭނުން ކުރާ ކޮންމެ ޑިވައިސް އަކާއިއެކު ވެސް މަސައްކަތް ކުރާނެ އެވެ. ޓްވިޓާގެ މި ހިދުމަތް ބޭނުން ކުރުމަށް ކޮންމެ އެކައުންޓަކަށް ވެސް ސެކިއުރިޓީ ދެ ކީއެއް ލެވޭނެ އެވެ.

ސެކިއުރިޓީ ކީ އަކީ ބޭނުން ކުރާ ޑިވައިސް އަކަށް ގުޅާ ފިޒިކަލް ޑިވައިސްއެކެވެ. މި ޑިވަައިސް ތަކަކީ ތަޅުދަނޑިއެއްގެ ގޮތުގައި ބޭނުން ކުރެވޭ ޑިވައިސް ތަކެކެވެ. މީގެ ސަބަބުން ޓވިޓާ އެކައުންޓަކަށް އެ ސެކިއުރިޓީ ކީ އާއި ނުލާ ނުވަދެވޭނެ އެވެ. އަދި އެކައުންޓަށް ހުއްދަނެތި ވަނުމުގެ ފުރުސަތު ވެސް ކުޑަ ވެއެވެ.