ޓެކްނޯލޮޖީ

ނޮކިއާގެ ފަހުގެ އުފެއްދުމަކީ ތިމާވެއްޓާ ރަހްމަތްތެރި ފޯނެއް

ނޮކިއާ އަކީ އެއް ދުވަސްވަރެއްގައި ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު މޯބައިލް ފޯން ބްރޭންޑެވެ. ނޮކިއާ ފޯނޭ ބުނުމުން މިހާރުވެސް އެ ފޯނަކީ ފަސޭހައިން ހަލާކު ނުވާ ވަރުގަދަ ފޯނެއް ކަމަށް މީހުން ގަބޫލު ކުރެ އެވެ.

ނޮކިއާގެ މަޝްހޫރުކަން ކުޑަވެގެން ދިޔައީ އެޕް ބޭސްޑް އެންޑްރޮއިޑް ފޯނުތައް ދުނިޔޭގެ ބަޒާރަށް ނިކުމެ ނޮކިއާގެ ޑިވައިސް ބޭސްޑް އޮޕަރޭޓިން ސިސްޓަމް ހުރި ފޯނުތަކުން ނުކުރެވޭ އެތައް ކަމެއް އާ ސްމާޓް ފޯންތަކުން ކުރެވެން ފެށުމުންނެވެ. ނޮކިއާގެ އޮޕަރޭޓިން ސިސްޓަމްތައް އަޕްގްރޭޑް ނުކުރެވި ދިޔަ ދިއުމަކީ ދުނިޔޭގެ މޯބައިލް ފޯނުގެ ބާޒާރުގައި އެ ކުންފުނި މުޅިން ފަހަތަށް ޖެހި ކުންފުނީގެ ކޮނސިއުމާ ޝެއާ ގެއްލިގެން ދިޔަ އެއް ސަބަބަށެވެ.

މޯބައިލް ފޯނުގެ ދުނިޔޭގައި ވަޅު ޖެހިފައިވަނިކޮށް ނޮކިއާ އިން މިވަނީ އަނެއްކާވެސް ޓެކްނޮލޮޖީގެ ރޭހަށް ނިކުމެ އެމީހުންގެ މޮޅު އުފެއްދުމެއް ދައްކާލާފަ އެވެ. ނޮކިއާ ފޯން އުފެއްދުމުގެ އެކްސްކްލޫޒިވް ލައިސަންސް އޮންނަ އެޗްޑީއެމް ގްލޯބަލް އިން ނެރުނު ނޮކިއާ އެކްސް 30 5ޖީ ފޯނަކީ މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ ކާބަން ފުޓްޕްރިންޓް އެންމެ ކުޑަ ފޯނެވެ.

ސަތޭކަ ޕަސަންޓް ރިސައިކަލްޑް އެލުމިނިއަމް އާއި 65 ޕަސަންޓް ރިސައިކަލްޑް ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާފައިވާ މި ފޯނަކީ ޕިއޯ ވިއު ފޮޓޮގްރާފީ ފަދަ އެތައް ޕްރިމިއަމް ފީޗާތަކެއް އެކުލެވޭ ފޯނެކެވެ. ތިން އަހަރު ވަންދެން ކޮންމެ މަހަކު އަޕްގްރޭޑްވާ ސެކިއުރިޓީގެ އިތުރުން ތިން އަހަރު ދުވަހުގެ ވޮރަންޓީ މި ފޯނަށް ދީފައިވެ އެވެ. މި ފޯނަށް ތިން އޮޕަރޭޓިން ސިސްޓަމް އަޕްގްރޭޑް ލިބޭނެ ކަމަށްވެސް އެޗްޑީއެމް އިން ބުނެ އެވެ.

ފޯނުގެ ބަރުދަނުގައި ހުންނަނީ އެންމެ 185 ގުރާމެވެ. ނޮކިއާ އެކްސް 30 5ޖީ ފޯނަކީ އޮޕަރޭޓިން ސިސްޓަމަކަށް އެންޑްރޮއިޑް 12 ބޭނުން ކުރާ، ޕިއޯ ވިއު 50 މެގަޕިކްސެލް ޓެކްނޮލޮޖީގެ ޓްވިން ކެމެރާ ލެންސެއް ހިމެނޭ ފޯނެކެވެ. މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އޮޕްޓިކަލް އިމޭޖަށް ލޮޅުން ނުވަތަ ތުރުތުރެއް ނާންނަ ގޮތް ހެދުމަށް ހާއްސަ ގޮތްތަކެއް ހަދާފައިވެ އެވެ.

މި ފޯނުގައި ބޭނުންކޮށްފައިވާ 75.9 ޕަސަންޓް ބައިތަކަކީ އަލުން ބޭނުންކުރެވޭނެ ތަކެއްޗާއި އަދި އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި އަލުން ބޭނުންކުރެވޭނެ ތަކެއްޗެވެ. ފޯނުގެ އިންޓާނަލް މެމޮރީ އަކީ 256 ޖީބީ އެވެ. އަދި ރޭމް އަކީ 8 ޖީބީ އެވެ.

އެޗްޑީއެމް ގްލޯބަލްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޕެރަޑޯން ރަމަބޫޓް ވިދާޅުވި ގޮތުގައި ތައިލޭންޑްގައި ވިއްކާ އެންމެ ފުރަތަމަ އީކޯ ފްރެންޑްލީ މޯބައިލް ފޯނަކީ ނޮކިއާ އެކްސް 30 5ޖީއަށް ވާނެ އެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ގިނަ ދުވަހު ގެންގުޅެވޭނެ ރައްކާތެރި އަދި ތިމާވެށްޓާ ރަހްމަތްތެރި ސްމާޓްފޯނު އުފެއްދުން ކަމަށެވެ. އިލެކްޓްރޯނިކް ކުނި މަދު ކުރުމަށް ސްމާޓްފޯން ގެންގުޅެވޭ މުއްދަތު އިތުރު ކުރަން އާންމުންނަށް ހިތްވަރު ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޕެރަޑޯން ރަމަބޫޓް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ އިލެކްޓްރޯނިކް ވޭސްޓް ވަނީ 57.4 މިލިއަން ޓަނަށް އަރާފަ އެވެ. އަދި ކޮންސިއުމަރުން މިހާރު ވަނީ ތިމާވެއްޓާ ރައްޓެހި ތަކެތި ހިޔާރުކުރަން ފަށާފައި ކަމަށެވެ. އަދި މޯބައިލް ފޯނު ގަންނަ ފަރާތްތަކަށް ގިނަ ދުވަހު ބޭނުން ކުރެވޭ ކޮލިޓީ، ސެކިއުރިޓީ ލިބޭ ކްލީން އެންޑްރޮއިޑް ބޭނުން ކުރަން ދަސްކޮށްދޭން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ތައިލޭންޑްގައި ނޮކިއާ އެކްސް 30 5ޖީ ފޯނު ވިއްކާ އަގަކީ 16،990 ބާތު -- 6،931 ރުފިޔާ އެވެ. މިއީ ހޮންގްކޮންގް އަދި ސިންގަޕޫރުގައި މި ފޯނު ވިއްކާ އަގަށް ވުރެ ކުޑަ އަގެކެވެ. ފޯނު އަގުކޮށްފައިވަނީ ކޮންމެ ގައުމެއްގައި ވެސް ދިރިއުޅުމުގެ އާންމު ހާލަތަށް ބެލުމަށް ފަހުގައި ކަމުގައިވެސް ޕެރަޑޯން ވިދާޅުވެފައިވެ އެެވެ.