ވޯލްޑް ބޭންކް

ވޯލްޑުން ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

Jun 3, 2022
1

ރާއްޖޭގައި އިންޓަނެޓް މާކެޓްގެ ވާދަވެރިކަން އިތުރުކޮށް، ހިދުމަތް ލިބުމަށް ހުރި ދަތިތައް ފަސޭހަކޮށްދީ، ރައްކާތެރިކަމާ އެކު އިންޓަނެޓްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރާއްޖެއަށް 10 މިލިއަން ޑޮލަރު -- 154 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.

ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުން ހާމަކޮށް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް އެހީ ދެނީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކުރުން އިތުރުކުރުމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާކޮށް އިންޓަނެޓްގެ ހިދުމަތް ދިން ނަމަވެސް ރަށްރަށުގައި އިންޓަނެޓްގެ ހިދުމަތް ހޯދުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި އިންޓަނެޓް ޕްލެޓްފޯމްތައް ހުރި ގޮތުން ރާއްޖޭގައި ރައްކާތެރިކަމާއެކު އިންޓަނެޓުގެ ބޭނުންކުރުމަށް ދަތިތަކެއް ހުރި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ދޭ މިއެހީގެ ދަށުން ރާއްޖޭގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކޮށް އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކުރާނެ އެވެ.

ވޯލްޑް ބޭންކްގެ ރާއްޖެއާ ގުޅޭ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ވޯލްޑް ބޭންކުން ދޭ އެހީގެ ސަބަބުން ގޮންޖެހުންތަކުން އަރައިގަނެ ރަނގަޅު އިގްތިސާދެއް ބިނާކުރަން ރާއްޖެއަށް މުޅިން އާ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް އައިޑީ ކާޑު މި އަހަރުގެ ފަހުކޮޅު ތައާރަފް ކުރުމަށްވެސް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.