އެޕަލް

އެޕަލް ވޮޗް ސީރީޒް 7: ބޮޑު ޑިސްޕްލޭ އެއް

އެޕަލްއިން އިއްޔެ ވަނީ އެ ކުންފުނީގެ ސްމާޓްވޮޗް ސީރީޒްގެ އާ މޮޑެލް ދައްކާލާފަ އެވެ.

އެޕަލްވޮޗް ސީރީޒް 7ގެ ގޮތުގައި ދައްކާލި މި ގަޑީގައި ބަލާ ބެލުމަށް ކުރީގެ ސީރީޒް 8ގެ މޮޑެލްއާ މާބޮޑު ތަފާތެއް ނެތެވެެ. ނަމަވެސް އިތުރަށް ބަލާލުމުން ވަރަށް ބައިވަރު އާ ޑިޒައިން ތަކަކާއި ފީޗާތައް ހުރި ކަން ފާހަގަކުރެވެ އެވެ. އެންމެ ފާހަގަކުރެވެނީ އާ ޑިސްޕްލޭ އެވެ.

ސްމާޓް ގަޑީގެ ސައިޒަށް ބަދަަލެއްް ނުގެނެސް އެޕަލްއިން ވަނީ އެޕަލްވޮޗްގެ ޑިސްޕްލޭ ސައިޒު ބޮޑުކޮށްފަ އެވެ. އެގޮތުން ސީރީޒް 6 ގެ ގަޑިއަށް ވުރެ 20 އިންސައްތަ ބޮޑު އަދި ސީރީޒް 3 އަށް ވުރެ 50 އިންސައްތަ ބޮޑު މި ޑިސްޕްލޭ ހިމާޔަތް ކުރުމަށް އާ ބިއްލޫރި ބޭނުން ކުރެވިފައި ވެއެވެ. އަދި ކުރީގެ ގަޑިތަކަށް ވުރެ ވޯޓާ ޕްރޫފް ޓެކްނޮލޮޖީ ވެސް މި ޑިވައިސްގައި ރަނގަޅެވެ.

މި އާ ޑިވައިސްގައި އަލަށް ޑިޒައިން ކޮށްފައިވާ ފާސްޓް ޗާޖިންގް ހިމެނެ އެވެ. ފާސްޓް ޗާޖިން އާއި އެކު އަށް މިނެޓުން އަށް ގަޑިއިރަށް ވާވަރަށް ޗާޖު ކޮށްލެވޭނެ އެވެ. އެޕަލް ވޮޗް ސީރީޒް 7 އާއި އެކު ކުރީގެ މޮޑެލްތަކުގެ ކަމަރުތައް (ސްޓްރެޕް) ބޭނުން ކުރެވޭނެ އެވެ. އަދި ވޮޗް އޯއެސް 8 އާއި އެކު ގިނަ އާ ފީޗާތައް މި ޑިވައިސްއަށް އަންނާނެ އެވެ. އާ ޓްރެކިންގް ފީޗާ ތަކާއި ޔޫއައި ރީޑިޒައިން އަކާއި އެކު ގަޑި ބޭނުން ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް އެޕަލްއިން ބުނެ އެވެ.

ބޮޑު ޑިސްޕްލޭ އަކާއި، އާ ފާސްޓް ޗާޖިންގް އަދި ޑިވައިސްގެ ވޯޓާ ޕްރޫފް ވަރުގަދަކޮށްފައިވާއިރު ކުރީގެ ސީރީޒް 6 އަކާ އެއްގޮތަށް މިފަހަރުގެ ގަޑީގެ ޗާޖު ހިފަހަށްޓަނީ 18 ގަޑި އިރަށެވެ.

އެޕަލް ވޮޗް ސީރީޒް 7 ވިއްކާ އަގަކީ 399 އެމެރިކާ ޑޮލަރެވެ. އަދި މި ގަޑިއާއި އެޕަލްގެ ކެލިފޯނިއާ ސްޓްރީމިންގް އިވެންޓުގައި އިއުލާން ކޮށްފައިވާ އެހެން ޕްރޮޑަކްޓްތައް ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެ އެވެ. އަދި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި ޕްރޮޑަކްޓުތައް ގަންނަން ލިބޭނެ އެވެ.