އެޕަލް

އެޕަލްގެ އާ އައިޕެޑް އިތުރަށް ވަރުގަދަކޮށްފި

އިއްޔެ ބޭއްވި އެެޕަލްގެ ކެލިފޯނިއާ ސްޓްރީމިން އިވެންޓުގައި އިއުލާން ކުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި އާ އައިޕެޑް މޮޑެލް އަކާއި އައިޕެޑް މިނީ މޮޑެލް އެއް ހިމެނެ އެވެ.

10.2 އިންޗީގެ އައިޕެޑްގައި ސްކްރީނަށް ބަދަލުތަކެއް ގެނެވިފައިވާ އިރު މި ސްކްރީނަކީ ކުރީގެ އައިޕެޑް ސީރީޒް 6 އަޅާބަލާއިރު 2 އިންސައްތަ ބޮޑު އަދި ސީރީޒް 3 އަށް ވުރެ 50 އިންސައްތަ ބޮޑު ޑިސްޕްލޭ އެކެވެ. ނަމަވެސް ޑިސްޕްލޭ އަކީ މިފަހަރުގެ އައިޕެޑްގެ މައިގަނޑު ބަދަލެއް ނޫނެވެ. މިފަހަރުގެ އައިޕެޑްގައި މައިގަނޑު ބަދަލަކަށް ހިމެނެނީ އާ ސީޕީޔޫ އެކެވެ.

އާ އައިޕެޑް އިއުލާންކޮށްފައިވަނީ އާ އޭ 13 ބަޔޮނިކް ޗިޕަކާއި އެކު އެވެ. މި ސީޕީޔޫ އަކީ ކުރީގެ އޭ 12 ބަޔޮނިކް ޗިޕަށް ވުރެ ސީޕީޔޫ އަދި ގްރެފިކްސް ޕްރޮސެސް ކުރުމުގެ ގޮތުންވެސް 20 އިންސައްތަ އަވަސް ޕްރޮސެސާ އެކެވެ. މި ޕްރޮސެސާ އާއި އެކު އެޕަލް އައިޕެޑްގެ ޕާފޯމެންސަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ އެވެ.

ނަމަވެސް އެޕަލްއިން އިއުލާން ކުރި ޓެބްލެޓް މޮޑެލްތަކުން އެންމެ ފާހަގަކުރެވެނީ އައިޕެޑް މިނީ އެވެ. އޭ 13 ބަޔޮނިކް ޗިޕް ހިމެނޭ މި ޑިވައިސް އަކީ އައިޕެޑްގެ ހުރިހާ ފީޗާ ތަކެއް ހިމެނޭ ކުޑަ ވާޝަން އެކެވެ. އަދި މިފަހަރުގެ މިނީގައި ލިކުއިޑް ރެޓިނާ ޑިސްޕްލޭ އެއް ހިމެނޭ އިރު 5ޖީ ނެޓްވޯކް ސަޕޯޓު ކުރާނެ އެވެ.

އައިޕެޑް މިނީގައި މިފަހަރު ޓަޗް އައިޑީ ހިމެނޭއިރު ހޯމް ބަޓަން ވަނީ އުވާލާފަ އެވެ. އަދި ޑިސްޕްލޭ ސައިޒް ވެސް ކުރީގެ މޮޑެލް ތަކަށް ވުރެ ބޮޑެވެ. އަދި އައިޕެޑް ޕްރޯގައި ހިމެނިފައިވާ ޔޫއެސްބީ ސީ ޕޯޓު މިފަހަރުގެ މިނީގައި ހިމެނޭނެ އެވެ.

އައިޕެޑް އަދި އައިޕެޑް މިނީއަށް އައިޕެޑް އޯއެސް 15 އާއި އެކު ގިނަ އާ ފީޗާތަކެއް އަންނައިރު މިފަހަރުގެ މި ދެ ޑިވައިސްއަށް އަންނަ ސެންޓާ ސްޓޭޖަކީ އެންމެ ފަހަގަކޮށްލެވޭ އެއް ފީޗާ އެވެ. މި ފިޗާ އަކީ މި ދެ ޑިވައިސްގައި ހިމެނޭ 12 މެގަ ޕިކްސަލްގެ އަލްޓްރާ ވައިޑް ފްރަންޓް ކެމެރާ ބޭނުން ކުރާ ފީޗާ އެކެވެ. މި ފީޗާ މެދުވެެރިކޮށް ލައިވް ވީޑިއޯ ތަކުގައި މީހާއަށް ޒޫމް ކޮށް އަމިއްލައަށް ފޯކަސް ހިފަހެއްޓޭނެ އެވެ.

އައިޕެޑް 64 ޖީބީގެ ބޭސް މޮޑެލްގެ ގޮތުގައި ވިއްކާ އަގަކީ 329 އެމެރިކާ ޑޮލަަރެވެ. އަދި އައިޕެޑް މިނީގެ ވައިފައި މޮޑެލް ވިއްކުމަށް ހަމަޖެހިފައި ވަނީ 499 ޑޮލަރަށެވެ. އަދި މިނީގެ 5ޖީ މޮޑެލް ވިއްކުމަށް ހަމަޖެހިފައިވަނީ 649 ޑޮލަރަށެވެެ.