ވަކި މުއްދަތެއް ނެތް ގޮތަށް ނައިޖީރިއާގެ ސަރުކާރުން އެ ގައުމުގައި ޓްވިޓާ ބޭނުން ކުރުން ބްލޮކް ކޮށްފި އެވެ.
ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓްވީޓެއް، ޓްވިޓާއިން ނުފެންނަ ގޮތް ހެދުމުގެ ސަބަބުން އެޅި ކަމަށް ބެލެވޭ މި ފިޔަވަޅުގެ ސަބަބުން ޓްވިޓާ މިހާރު ނައިޖީރިއާގައި ބޭނުން ނުކުރެވެ އެވެ. އަދި ބޭނުން ކުރުމަކީ ކުށަކަށް ވެސް ވަނީ ހަދާފަ އެވެ.
ނައިޖީރިއާގެ ރައީސްގެ ޓްވީޓެއް ނުފެންނަ ގޮތް ހެދީ އެ ޕްލެޓްފޯމްގެ ބޭނުން ނުރަނގަޅު ގޮތުގައި ބޭނުން ހިއްޕަވާތީ އުސޫލުތަކާ ހިލާފު ވެގެން ކަމަށް ބުނެ އެވެ.
ނައިޖީރިއާގެ ސަރުކާރުން ބުނީ އެ ގައުމުގެ މަސްލަހަތަށާއި ތަރައްގީއަށް ބުރޫއަރާ ގޮތަށް ޓްވިޓާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނައިޖީރިއާ ސަރުކާރުގެ މިނިންމުމާއި ދެކޮޅަށް އެތައް ބަޔަކު ގެންދަނީ ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ނުރުހުން ފާޅު ކުރަމުންނެވެ.
ނައިޖީރިއާ ސަރުކާރުގެ ނިންމުމާ ދެކޮޅު ހަދަމުންދާ މީހުން ބުނެފައި ވަނީ ވީޕީއެން އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޓްވިޓާ ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ.
ނައިޖީރިއާގައި ޓްވިޓާ ބްލޮކް ކޮށްފައި ވަނިކޮށް ޓްވިޓާ ބޭނުން ކޮށްފިނަމަ އެއީ ކުށެއް ކަމަށް ބަލައި އެކަން ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދޭނެ ކަމަށްވެސް ނައިޖީރިއާގެ ސަރުކާރުން ބުނެފައިވެ އެވެ.