އެކްސިޑެންޓް

އެކްސިޑެންޓަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިނގި އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލި ސައިކަލް ދުއްވަން އިން މީހާ އެންމެ ފަހުން ހޯދާ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެ ހަވީރު ހައްޔަރުކޮށް ތަހުގީގު ފަށައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެެއްވި އެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާގެ ފަަހަތުގައި އިން 22 އަހަރުގެ ޔަޒްދާން ވަނީ މަރުވެފަ އެވެ.

ގަލޮޅު، ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމ އެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ.

އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މިއެކްސިޑެންޓް ހިނގީ މާލޭގައި ކާފިއު ހިންގާފައި އޮތް ގަޑީގައި ކަމަށްވާތީ އެމީހުން ބޭރުގައި އުޅުނީ ހުއްދަ ނަގައިގެން ކަމާމެދު ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.