ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވުމުން ސީން ރޫޅާލި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
އައްޑޫސިޓީ ފޭދޫގައި ރޭ 7:15 ހާއިރު ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވުމުން ސީން ރޫޅާލާފައިވާ ކަމަށް ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވުމުން ސީން ރޫޅާލައިވާ ކަމަށާއި ދުއްވާފައިވާ ކާރަކީ ރަޖިސްޓަރީ ނުކޮށް ދުއްވި ކާރެއް ކަމަށް ބުނެ ފަތުރަމުންގެންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓެއްގައި ހިމެނޭ ކާރާއި ސައިކަލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކޮށްގެން ދުއްވާ އުޅަނދުތަކެކެވެ.
މި ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށާއި މި އެކްސިޑެންޓް ހިނގުމުން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސީން ޕްރޮސެސްކޮށް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް ދެވަނަ މީހާއަށް އެކިވަރުގެ އަނިވާވެފައިވެ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ އަންހެނަކަށާއި އުމުރުން 19 އަހަރުގެ އަންހެނަކަށެވެ.
އެ މީހުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ދެ މީހުންވެސް ސްޓޭބަލް ކަމަށް ހޮސްޕިޓަލާޢި ހަވާލާދީ ފުލުހުން ބުނެއެވެ.