އެމްޓީސީސީ

ގުޅިފަޅު ބިން ހިއްކަން ތައްޔާރުވެއްޖެ

Jun 3, 2021

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ބުނީ 55 ދުވަހުގެ ތެރޭގައި މަަސައްކަތް ނިންމާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 80،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ އެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު ގުޅިފަޅުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މާލެ ކައިރީގައި އޮންނަ ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަމަވެސް މި ސަރުކާރުން ކުރިން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް އަޅާށެވެ.

ގުޅިފަޅުގައި ޕޯޓް އެޅުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.