ޑރ. މުހައްމަދު މުއިއްޒު

ގުޅިފަޅު އެމްޓީސީސީއަށް ދިން ނަމަ 37 މިލިއަނަށް ހިއްކޭނެ: މުއިއްޒު

ގުޅިފަޅު ބަނދަރަށް ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދިނުމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ގުޅިފަޅު ހިއްކަން ބޮސްކާލިސް ކުންފުންޏަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން 180 ދުވަހުގެ ތެރޭގައި ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި، ހަަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާން ޖެހެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރި ނަމަ "މަހާ ޖައްރާފް" ބޭނުން ކޮށްގެން އެންމެ ގިނަ ވެގެންވެސް 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ހަތް މިލިއަން ޑޮލަރަށް ތޮށިލައި ނިމޭނެ ކަމަށެވެ. އެހެން ކަމުން މި މަޝްރޫއަށް އެންމެ ގިނަ ވެގެންވެސް ހޭދަވާނީ 44 މިލިއަން ޑޮޮލަރު ކަމަށެވެ.

"އެންމެ ގިނަ ވެގެން ޖުމްލަ 44 މިލިއަން ޑޮލަރަށް މި މަޝްރޫއު ނިމޭނެ. އަދި ފައިސާ ލިބޭނީ ދިވެހި ރައްޔިތުންގެ ކުންފުންޏަށް." މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅު ބަނދަރު މަސައްކަތަށް، ފަށަން، ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު ބޮސްކާލިސް ކުންފުންޏަށް ދިނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކަށް، 1.6 މިލިއަން ޑޮލަރަށް ހަވާލުކޮށްފަ އެވެ.

މި މައްސަކަތް ބޮސްކާލިސްއަށް ދިން އިރު ރާއްޖޭގައި ބިން ހިއްކުމުގެ 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް އަށް ހޯދާފައިވާ މަހާޖައްފާރުގެ ޑްރެޖަރެއް އޮވެއެވެ. ނަމަވެސް މި މަޝްރޫއާ ގުޅިގެން އެމްޓީސީސީއާ މަޝްވަރާކޮށްފައެއް ނުވެއެވެ.

ބޮސްކާލިސް އިން މީގެ ކުރިން ވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މީހުން ދިރިއުޅޭ 10 ރަށެއްގައި 198 ހެކްޓަރުގެ ބިން ހިއްކުން ހިމެނެ އެވެ.