ގުޅިފަޅު

ގުޅިފަޅު ބިންހިއްކުމުގެ މަސަައްކަތް ނިމިއްޖެ

Nov 1, 2021

ކ.ގުޅިފަޅު ބިންހިއްކުމުގެ މަސަައްކަތް ނިމިއްޖެ އެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތުގެ ދަށުން 1.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކިއެވެ. އަދި ގޮނޑުދިށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއެވެ.

މިއީ 8.9 މިލިޔަން ރުފިޔާގެ މަސައްކަތެއް ކަމަށް އެމްޓީސީސީ ބުންޏެވެ.

ގުޅިފަޅުގައި ޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ރަށަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހާއްސަ ރަށަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. ކައުންސިލުން ވަނީ ޕޯޓްގެ މަަސައްކަތް ތިލަފުއްޓަށް ބަދަލުކޮށްދޭންވެސް އެދިފައެވެ. އަދި ގުޅިފަޅުގައި ޕޯޓް އެޅިނަމަވެސް އެ ރަށުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް އެދިފައިވެއެވެ.

އެ ހުށައެޅުމާމެދު ވިސްނާނެ ކަމަށް ސަަރުކާރުން ބުނި ނަމަވެސް އެކަމާއި ގުޅިގެން އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ ސިޓީ ކައުންސިލާއި މާލޭގެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.