ލޯކަލް ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމަށް ބޭފުޅުން އައްޔަންކުރަން ބޭނުންވަނީ ކައުންސިލްގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
އަހްމަދު ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނަރަލުން ހަމަޖައްސާއިރު ކައުންސިލްގެ ލަފާ ނެތި އެކަން ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
މިއިސްލާހުގައިވާ ގޮތުން ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ. ކޮމިޝަނުން އެކަން ކުރާއިރު ކައުންސިލްގެ ލަފާ ހޯދުމަށް އިސްލާހުގައި ލާޒިމުކޮށްފައެއް ނުވެ އެވެ.
މިފަދަ އިސްލާހެއް ހުށަހެޅީ ސިޔާސީ މަސްލަހަތު ތަކުން އަދި ވަކި ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި ޕްރޮފެޝަނަލް މިންގަނޑުން ހިދުމަތް ފޯރުކޮށްދިނުމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން ލޯކަލް ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރާނީ ކައުންސިލްގެ ލަފާ ހޯދައިގެން ސީއެސްސީންނެވެ.
މިއިސްލާހާ ގުޅިގެން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަމަގާށް ބޭފުޅުން އައްޔަންކުރުމުގައި، ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި މިހާރު ލިޔެވިފައިވަނީ މިސަރުކާރުން ހުށަހެޅި އިސްލާހަކާ ގުޅިގެން ކަމަށެވެ.
"ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން. ކައުންސިލްގެ ލަފާ ހޯދުން" ސަރުކާރުގެ ސިޔާސަތު އޮތް ގޮތް ހާމަކޮށްދެއްވަމުން މަބްރޫކް ވިދާޅުވެފައިވެ އެވެ.
އަހްމަދު ސައީދުގެ އިސްލާހަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯ އަފްޝަން ލަތީފް ވެސް ހިމެނެ އެވެ.
އަފްޝަން ވިދާޅުވީ ލޯކަލް ކައުންސިލް ތަކަށް ސެކްރެޓަރީ ޖެނަރަލުން އައްޔަންކުރަން ވާނީ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެއީ އަބަދުވެސް ވަކާލާތު ކުރެއްވި ގޮތް ކަމަށްވާތީ ސައީދުގެ އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އަހްމަދު ސައީދު ހުށަހެޅުއްވި އިސްލާހުގެ ބިލް މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް ތައާރަފްކޮށް، ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެހެންކަމުން މިއިސްލާހަށް މަޖިލީހުގެ ތަޅުމުގައި ދެން އޮންނާނީ ބަހުސް ކުރަމުންނެވެ.