އިލެކްޝަންސް ކޮމިޝަން

އެލްޖީއޭގެ ބޯޑު އިންތިހާބަށް ކޮންމެ ރަށަކު ފޮއްޓެއް ބަހައްޓާނެ

Jun 6, 2021
1

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް ގެންދާނީ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލެއް އޮތް ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އައްޑޫ ސީޓީ ފިޔަވާ ކޮންމެ ރަށަކު ބަހައްޓަން ނިންމާފައިވަނީ އެއް ފޮށްޓެވެ. އައްޑޫ ސިޓީގައި ބަހައްޓާ ދެ ފޮށީގެ ތެރެއިން އެއް ފޮށި ބަހައްޓަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ. ދެވަނަ ފޮށި ބަހައްޓަނީ ހުޅުދޫއާއި މީދޫ ގުޅޭ ހިސާބުގެ ކޮންމެވެސް އެއް ސުކޫލެއްގަ އެވެ.

ޝަރީފް ވިދާޅުވީ އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އިންތިހާބަށް ބޭނުންވާ އޮފިޝަލުން ވެސް މިހާރު ހޯދާފައިވާ ކަމަށާއި އަދި ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި އަންނަ ބުދަ ދުވަހުން ފެށިގެން ފޮނުވަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ދެ އޮފިޝަލުން ތިބޭނެ. ރަށްރަށުން އަޅުގަނޑުމެން އޮފިޝަލުން ނެގުމުގައި އިސްކަން ދިނީ މިދިޔަ ކައުންސިލް އިންތިހާބުގައިވެސް ރަށްރަށުގެ ވޯޓު ފޮށިތައް ކައިރީގައި ތިބި ވޯޓް ފޮށީގެ ވެރިޔާއާއި އެ ރަށެއްގެ ފޯކަލް ޕޮއިންޓަކަށް ހުންނެވި ބޭފުޅާ ނެގުމަށް،" ޝަރީފް ވިދާޅުވި އެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ކައުންސިލަރުންނަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 12ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ނިންމަވާފަ އެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ހަތް ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނޭ ރަށު ކައުންސިލަރުންގެ ސްލޮޓަށް ކުރިމަތިލެއްވި ބޭފުޅުން

  • އަހްމަދު ކަރަމް / އއ. ތޮއްޑޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
  • އަބްދުﷲ ޒާމިރު / ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
  • އަބްދުﷲ ވަހީދު / ފ. މަގޫދޫ ކައުންސިލްގެ ރައީސް (އެމްޑީޕީ)
  • މުހައްމަދު ރަޒީފް / ހއ. ފިއްލަދޫ ކައުންސިލް މެންބަރު (އެމްޑީޕީ)
  • އަހްމަދު އިބްރާހީމް / ގއ. ދާންދޫ ކައުންސިލް މެންބަރު (އެމްޑީޕީ)
  • ހުސައިން ޔާމީން މުހައްމަދު / ކ. ގުރައިދޫ ކައުންސިލްގެ ރައީސް (ޕީޕީއެމް)
  • މުހައްމަދު އިލްހާމް / ހދ. ނެއްލައިދޫ ކައުންސިލް މެންބަރު (އަމިއްލަ ގޮތުން)

އިލެކްޝަންސް ކޮމިޝަނުން ބުނީ އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ކޮމިޝަނުން ފުރުސަތު ހުޅުވާލުމުން އެމްޑީޕީން ކުރިމަތިލެއްވި އެއްވެސް ބޭފުޅަކު ނަން ގެންގޮސްފައި ނުވާ ކަމަށެވެ. ކޮމިޝަނުން އެހެން ބުނެފައިވަނީ އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވާނެ އެމްޑީޕީގެ ކައުންސިލަރަކަށް ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ކަނޑައަޅާފައިވާތީ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއް ނަން އަނބުރާ ގެންދިޔަތޯ އަވަސް އިން ސުވާލުކުރަމުންނެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކަށް ކަރަމް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލެއްވުމަށް ބޭނުންވާ އެމްޑީޕީގެ ކައުންސިލަރުންގެ މެދުގައި ބޭއްވި ޕްރައިމަރީ ކަރަމް ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.