ދުނިޔެ

އެމެރިކާގެ ހަމަލާތަކެއް "ޖިހާދީ ޖޯން" މަރާލުމަށް

ރަހީނުކޮށްފައިވާ ޔޫރަޕްގެ ރައްޔިތުންގެ ކަރު ބުރިކުރާ އައިއެސްގެ ހަނގުރާމަވެރިޔާ، މަޝްހޫރު ނަމުން ނަމަ "ޖިހާދީ ޖޯން" މަރާލުމަށް އެމެރިކާ އިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ކުވޭތަށް އުފަން، އިނގިރޭސި ރައްޔިތެއް ކަމަށްވާ މުހައްމަދު އިމްވާޒީ މަރާލުމަށް ހަމަލާތަކެއް އިއްޔެ ދީފައި ވަނީ އެމެރިކާއިން ބުނި ގޮތުގައި އޭނާ އަށް ވަރަށް ކައިރިން ފާރަލާތާ ދުވަސްގަނޑަކަށް ފަހު އައިއެސްގެ މައި އަވަށް ކަމަށްވާ، ސީރިއާގެ ރައްގާ ކައިރިންނެވެ. އިމްވާޒީ ދަތުރު ކުރަމުން އައި ވެހިކަލަކަށް ހަމަލާދިނީ، ޑްރޯންއެއް ބޭނުންކޮށްގެން ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ.

ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ވިދާޅުވި ގޮތުގައި ޑްރޯން ހަމަލާތަކުގައި އިމްވާޒީ މަރުވިކަން ނޫނީ ގެއްލުމެއްވިކަން އަދި ބުނާކަށް ނޭނގެ އެވެ. އެހެން ނަމަވެސް އެ ހަމަލާގައި އިމްވާޒީ އަށް ވީގޮތެއް އަންނަނީ މިހާރު ބަލަމުންނެވެ. އަދި އެއަށް ފަހު މައުލޫމާތުތައް ހާމަ ކުރާނެ ކަމަށް ކުކް ވިދާޅުވި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް އައިއެސްގެ ފަރާތުން އިންޒާރު ދީ، ރަހީނުކޮށްފައިވާ މީހުންގެ ކަރުބުރި ކުރާތަން ދައްކުވައިދޭ ވީޑިއޯތަކުގައި އިމްވާޒީ ހުންނަނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެންނެވެ. އިމްވާޒީ އެމެރިކާގެ ޓާގެޓަކަށް ވީ، އައިއެސްއިން ރަހީނުކޮށްފައިވާ އެމެރިކާގެ ނޫސްވެރިޔާ ޖޭމްސް ފޮލޭގެ ކަރު ބުރިކޮށްލާ ވީޑިއޯއެއް މިދިޔަ އަހަރުގެ އޮގަސްޓް މަހު އައިއެސް އިން އާންމު ކުރުމުންނެވެ. އޭގެ ފަހުން އިމްވާޒީ ވަނީ މިފަދަ އެކި ވީޑިއޯތަކުން ފެނިފަ އެވެ. 

ޖިހާދީ ޖޯން އަކީ ކާކު؟

އިމްވާޒީ އިނގިރޭސި ރައްޔިތަކަށް ވީ 1988 ވަނަ އަހަރު އެވެ. ކޮމްޕިޔުޓިން އާއި އިނގިރޭސި ބަސް ކިޔަވައިދިނުމުން ޑިގްރީއެއް ނަގާފައިވާ އިމްވާޒީ 2009 ވަނަ އަހަރު ވަނީ ކޫވޭތަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގައި ޗުއްޓީ އެއް ހޭދަކޮށްލުމަށް 2010 ވަނަ އަހަރު އައުމަށް ފަހު އެނބުރި ކުވޭތަށް ދާން އުޅުމުން އޭނާ ވަނީ ހުއްޓުވައިފަ އެވެ. އެއަށް ފަހު ނަން ބަދަލު ކޮށްގެން ވެސް 2013 ވަނަ އަހަރު އޭނާ ކުވޭތަށް ދާން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެ ފަހަރު ޑީޕޯޓް ކުރުމުން އޭނާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން އިނގިރޭސި ފުލުހުން އޭނާ ހޯދި އިރު، ސީރިއާއަށް ގޮސް އައިސްއާ ގުޅުނުކަން ވަނީ ހާމަވެފަ އެވެ.

އައިއެސްގެ ވީޑިއޯތަކުގައި ފެންނަނީ އިމްވާޒީކަން އެންމެ ފުރަތަމަ ފަޅާއެރީ އޭނާގެ އާއިލާގެ ބައެއް ފަރާތްތަކުން އިނގިރޭސި ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތުތަކެއް ހިއްސާ ކުރުމުންނެވެ. އެއަށް ފަހު އިނގިރޭސިންނާއި އެމެރިކާގެ ޖާސޫސީ އަދި އަސްކަރީ އިދާރާތަކުން ކުރި މަސައްކަތުން އެއީ އިމްވާޒީކަން ވަނީ ކަށަވަރުވެފަ އެވެ.