ރިވިއު

އަހްޝަމް: ސީޒަންގެ ހިތްވަރާއި ނުގުޑާ އަޒުމަށް ފަސް ތަރި!

ކާސްޓް އަދި މެއިން ކްރެޑިޓްސް:

- އަލީ ސީޒަން (އަހްޝަމް)
- އަހުމަދު ސައީދު (ޖާވިދު)
- އައިމިނަތު ރިޝްފާ (މައިޝާ)
- ޒީނަތު އައްބާސް (ނާޝިދާ)
- އާރިފާ އިބްރާހިމް (ހާޖަރާ)
- ރޯނު ހަސަން މަނިކު

ޑައިރެކްޓަރު: އަލީ ސީޒަން
ސްކްރީންޕްލޭ: މަހުދީ އަހުމަދު އަދި އަހުމަދު ޒަރީރް
ކެމެރާ: މާސްކޭ
ބެކްގްރައުންޑް މިއުޒިކް: އައްޔުމަން ޝަރީފް
އެޑިޓާ: އަލީ ސީޒަން

"އަހްޝަމް" ގެ ތައާރަފެއް

މިއީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ކަމުގައިވާ "އެސް ޕްރޮޑަކްޝަން" ގެ އަލަތު ފިލްމެވެ. ބުނެވޭ ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ. ފިލްމުގެ ބަޖެޓް 1.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފިލްމަކީ މަސާލާ ފިލްމެކެވެ. އިންޑިއާގެ ސިނަމާގައި އެންމެ މަގްބޫލު އަދި އެންމެ ވިޔަފާރި ރަނގަޅު ވައްތަރުގެ ފިލްމެކެވެ. މަސާލާ ފިލްމަކީ އެކްޝަން އާއި ކޮމެޑީ އަދި ރޮމޭންސް އާއި ޑްރާމާ ނުވަތަ މެލޮޑްރާމާ އޭގައި އިންތިހާ އަށް ހިމަނައި މި ހުރިހާ ވައްތަރެއް އެއްކޮށް މޮޑެލާފައި އޮންނަ ފިލްމެކެވެ.

ފިލްމުގެ ޖުމްލަ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ. ފިލްމުގެ ބޮޑު ބެޖަޓާއި އޭގެ ބުރަ މަސައްކަތަށް ބަލާއިރު މިއީ ފަހުގެ ތާރީޚެއްގައި ދިވެހިން އުފެއްދި އެންމެ "ރިސްކު ބޮޑު" އަދި އެންމެ ގޮންޖެހުން ބޮޑު އެއް ފިލްމަށްވާނެ އެވެ. ޔަގީނަށް ވެސް މިއީ ސީޒަންގެ ފިލްމީ ހަޔާތުގައި އޭނާ ގެނެސްދިން އެންމެ ބުރަ މަސައްކަތެވެ.

މި ފިލްމަކީ ސީޒަންގެ އަޒުމާއި ހިތްވަރާއި ފިލްމު އުފެއްދުމުގެ މަސައްކަތަށް ސީޒަންގެ ހިތުގައި އޮތް ލޯބި ނިކަން ރަނގަޅަށް ހާމަކޮށްދޭ މަސައްކަތެވެ.

ފިލްމުގެ ދިގު މިނަކީ ގާތްގަނޑަކަށް ތިން ގަޑިއިރެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ. ޝޯތައް އަދިވެސް ކުރިއަށް ދަނީ އެވެ.

ފިލްމުގައި ވަނީ ކިހިނެތް؟

އަހްޝަމް (ސީޒަން) އަކީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ދަމައިގެން ގޮސްފައިވާ ފިތުނަވެރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެކެވެ. އޭނާ އަކީ މި ރަށަށް ނިސްބަތްވާ ޕޮލިހެއް ނޫނެވެ. އަދި ރަށުގައި އޮންނަ ސިޔާސީ ކުޅި ސަމާސާ އާއި ކޮރަޕްޝަނާއި ފަސާދަ އަށް ފަސޭހައިން ދީދާލާ ކަހަލަ ފުލުސް އޮފިސަރެއް ނޫނެވެ.

އެހެން ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ކުރިން ހިނގާފައިވާ ހިތާމަވެރި ހާދިސާއެއްގެ މޮޅިވެރިކަމުން އަރައިނުގަނެވި ރުޅިގަދަވެފައިވާ މީހެކެވެ. ފަހަރެއްގައި ފިލްމުގައި ދައްކުވައިދޭ ގޮތަށް ކޮރަޕްޝަނާއި ފަސާދަ އާއި ފިތުނަވެރިކަމާ ދެކޮޅަށް ނުކުންނަން ކެރޭ ޖެހިލުން ކުޑަ ފުލުހަކަށް އަހްޝަމް ބަދަލުކޮށްލީ ވެސް އޭނާގެ ޒާތީ ދިރިއުޅުމުގައި ތަޖުރިބާކުރަން ޖެހުނު ހިތާމަވެރި ހާދިސާ އެވެ.

ފިލްމު ހުޅުވައި ދެނީ އެ ހާދިސާއިންނެވެ. އަހްޝަމް އާއި އޭނާގެ އަންހެނުން (ހާއްސަ ފެނިލުމެއްގައި މި ރޯލު ކުޅެފައި ވަނީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު) ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް އެހެން ސައިކަލްތަކެއްގައި އަންނަ ގޭންގަކުން މިދެމަފިރިންނަށް ހަމަލާ ދެނީ އެވެ. ނުވަތަ އެއީ އެކްސިޑެންޓެކެވެ.

ސަބަބަކީ އެ ހާދިސާއަކަށް ފަހު އަހްޝަމްގެ އަންހެނުންގެ މަރުގެ އިތުރު އެއްވެސް ތަފްސީލެއް ފަހުން ދީފައިނުވާތީ އެވެ. ކޮންމެއަކަސް އަންހެނުންގެ މަރު ވެގެން ދަނީ އަހުޝަމަށް އަރިނުގަނެވޭ ފަދަ ފުން ހިތާމައަކަށެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ބަސް ނާހައި އުޅެނިކޮށް އެ ހާދިސާއެއް ހިނގައި އޭނާ މަރުވެ ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތްނުކުރުން ވެގެން ދަނީ އެ ހުރިހާ ކަމެއްގެ ޒިންމާ އަހުޝަމް އަމިއްލަ އަށް އޭނާގެ ބޮލުގައި އަޅުވާ ކަމަށެވެ.

މިފަދަ ނަފްސާނީ ހަލަބޮލިކަމެއްގެ ތެރޭގައި އުޅެނިކޮށް އަހްޝަމްއާ އަނެއް އިމްތިހާނެއް ކުރިމަތިލަނީ އެވެ. އެއީ ސިޔާސީ ކަތިލުމާއި ހަލަބޮލިކަމުގެ ތެރެއަށް ވަދެ ފަސާދަވެފައިވާ މި ރަށަކާއި ރަށުގެ އަހުލުވެރިންނެވެ. ދެން އަހަރެމެންނަށް ފެނިގެން ދަނީ މި ރަށުގެ ސިޔާސީ ދިލަ ހޫނެއްގައި ޖެހުމުން، އަނބިމީހާގެ މަރަށް އިންސާފު ނުލިބި ރުޅިގަދަވެފައި ހުންނަ ފުލުސް އޮފިސަރުގެ ގައިގައި ވެސް އަލިފާން ރޯވެގެންދާ މަންޒަރެވެ.

އަހްޝަމްގެ ޒިންމާ އަކީ ރަށުގައި އަދުލު އިންސާފު ގާއިމުކޮށް ހަމަޖެހުން ގެނެސްދިނުމެވެ. ނަމަވެސް ކަންކަން ބޮއްސުންލައިގެން ދަނީ ރަށު ތެރޭގައި އަތްގަދަކޮށްލައިގެން އުޅޭ ސިޔާސީ ދެ އާއިލާއެއްގެ ދެމެދުގައި ތާށިވެ ފިތޭ ހިސާބުންނެވެ. އެ ފަޅިން ނުކުންނަނީ އަހުޝަމް ކަތިލާށެވެ. އަނެއް ފަޅިން އަހުޝަމާ ދިމާލަށް ނުކުމެގެން އަންނަނީ އޭނާގެ ހިތްކަތިލާ ވަރުގެ ރީތިކަމެއް ލިބިފައިވާ މައިޝާ (ރިޝްފާ) އެވެ.

ދެން ފެނިގެން ދަނީ ސިޔާސީ ލޯތްބާއި މައިޝާގެ ލޯބީގައި އަހުޝަމް އާއި ރަށުގެ ސިޔާސީ އަންޑަބޮސްއެއް ކަމުގައިވާ ޖާވިދު (ސައީދު) ޖެހި ވަރުގަދަ ކުރިމަތިލުމެއް ފެށިގެންދާ ގޮތެވެ.

"އަހްޝަމް" ގެ އެންމެ ހާއްސަ ސިފައަކީ ކޮބާ؟

އެ ފިލްމުގެ ބުރަ މަސައްކަތެވެ. ސީޒަން މި އޮތީ ހަމަ އަސްލަށް ވެސް ނިކަން ވަރުގަދަ ރިސްކަކާއި ޗެލެންޖެއް ނަގައި ނުގުޑާ ފަދަ އަޒުމަކާއ ހިތްވަރެއްގައި ސާބިތުވެ ހުރެ އެ ޗެލެންޖު ކާމިޔާބުކޮށްފަ އެވެ.

މި ފެންވަރުގެ ފިލްމެއް އަދި މި ކަހަލަ ފިލްމެއް ރާއްޖޭގައި އުފެއްދުމަކީ އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ފިލްމުގެ ކޮންޓެންޓަށް ބަލައިގެން އޭތި ޕޮލިޝްކުރުމަށް ސީޒަންކޮށްފައިވާ މަސައްކަތް ފާހަގަކޮށްލަން ޖެހެ އެވެ. މިސާލަކަށް މަހުދީ އަހުމަދު ލިޔެފައިވާ އަހުޝަމްގެ ކެރެކްޓާ އިތުރަށް ފައްކާކޮށް މުއްސަނދިކުރުމަށް ސީޒަން އެއަށް ލާފައިވާ ހިތްވަރު ފާހަގަކޮށްލެވެ އެވެ.

ވަކިން ހާއްސަކޮށް އެ ކެރެކްޓާގެ ހެދުންއެޅުމުގެ ވައްޓަފާޅި އެވެ. މީގެ އިތުރުން އެހެން ކެރެކްޓާތަކަށް ވެސް ގެނެސްފައިވާ މި ފުރިހަމަކަމެވެ. ފިލްމުގައި އެކްސްޓްރާސްތައް ބޭނުންކޮށްފައިވާ ގޮތެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ގާއިމުކޮށްފައިވާ ސެޓްތަކެވެ. މިސާލަކަށް އަލިފާނުގެ ހާދިސާއެއްގައި އަންދާލާ "ގެއަކީ" އެ މަންޒަރަށް ހާއްސަކޮށްގެން ހެދިތަނެކެވެ.

މީގެ އިތުރުން ވެސް އާންމު ޕޮލިސް ލައިފާއި އެމީހުންގެ ތެރޭގައި އޮންނަ ހިއުމާ އާއި ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮންނަ ރަށެއްގެ ބޮޑު މަންޒަރު ޑައިރެކްޓްކުރުމަށް ސީޒަން ލާފައިވާ ހިތްވަރު ފާހަގަކޮށްލަން ޖެހެ އެވެ. ލީޑް ރޯލު ކުޅެމުން މި ހުރިހައި މަންޒަރުތަކެއް ޑައިރެކްޓްކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމެއް ނޫނެވެ.

"އަހުޝަމް" އަކީ ބޮޑު ފިލްމެކެވެ. ބުރަ މަސައްކަތެވެ. ސީޒަން އެ ޗެލެންޖު ކާމިޔާބުކޮށްފި އެވެ.

ފާހަގަކޮށްލަން ޖެހެނީ އޭނާ އެކަން ކާމިޔާބުކުރީ ފުރައްސާރައާ ވެސް ދެކޮޅަށް ކަމަށެވެ. ސީޒަން އަކީ ފިލްމީ ދާއިރާގެ ސްޓާރުންނަށް ބަލާއިރު އާންމުންގެ ތެރޭގައި ވަކިން ހާއްސަކޮށް ފިލްމީ ދާއިރާ އަށް މަލާމާތްކުރާ މީހުންގެ މެދުގައި އަބަދުވެސް "ޖޯކަކަށް" ވެފައި ހުރި ފަރާތެކެވެ. ފިލްމު ސްޓަރަކަށްވީތީ ބައެއް ހަފުލާތަކުގަ އާއި އިންޓަވިއުތަކުގައި ސީޒަން ގެންގުޅޭ ސްޓައިލްތަކަށް މީހުން މަލާމާތްކޮށް ޖޯކުޖަހަ އެވެ. މިސާލަކަށް އިންޑޯ ޓީވީ އިންޓަވިއުއެއްގައި އޭނާ އަވިއައިނެއް އަޅައިގެން އިންޓަވިއުއެއް ދިނީމަ އެވެ.

މިފަދަ ކަންކަމުގަ އެވެ.

ފާހަގަކޮށްލަން ޖެހެނީ ސީޒަން "އަހުޝަމް" އޭ ކިޔުނު މި ފިލްމެއްގެ މަސައްކަތް ފެށީމަ މިއަށް ވެސް ވަރަށް ގިނަ މީހުން ހަމަ މި އުސޫލުން މަލާމާތްކުރިކަމެވެ. އެކަމަކު އެ ފުރައްސާރަ އަށް ބެލުމެއް ނެތި ސީޒަން މި އޮތީ އޭނާ އަށް ކުރެވުނު އެންމެ ބުރަކޮށް މަސައްކަތްކޮށްގެން "އަހުޝަމް" ގެނެސްދީފަ އެވެ. އާ ގޮންޖެހުމެއް ވެސް ނެގިދާނެކަން ސާބިތުކޮށްދީފަ އެވެ.

ފިލްމުގެ ފާހަގަކޮށްލެވޭ އަނެއް ސިފަ އަކީ އޭގެ ބޮޑު ރިސްކެވެ. މިއީ އެއްގޮތަކަށް ވެސް އާދައިގެ ދިވެހި ޕްރޮޑިއުސަރަކު އުފައްދަފާނެ ފިލްމެއް ނޫނެވެ. ސަބަބަކީ ދިވެހި ސިނަމާގައި އެންމެ ގަދަ އަށް ފައިސާ ހެދޭ ވައްތަރުގެ ފިލްމަކަށް މި ފިލްމު ނުވާތީ އެވެ. އެކަމަކު އެ ހިޔާލަށް ވެސް ސީޒަން ގޮންޖެހީ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެކްޓަރެއްގެ ގޮތުގަ އާއި ޑައިރެކްޓަރުގެ ގޮތުގައި ސީޒަން މިއަށް ލާފައިވާ އެފަޓެވެ. ފިލްމު އުފެއްދުމުގެ މަސައްކަތަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ. ބައެއް ފަހަރަށް ކަންކަން ހާސިލުކުރުމަށް މިފަދަ އަޒުމަކާއި ހިތްވަރެއް ކޮންމެހެން ވެސް ބޭނުންވެ އެވެ.

ފިލްމު ބަލަން ދާން ޖެހޭ ސަބަބަކީ ކޮބާ؟

މިއީ އެއް ފަހަރު ނަމަވެސް ބަލައިލަން ޖެހޭ ވަރުގެ ދިވެހި ފިލްމެކެވެ. ކުރިން ވެސް ފާހަގަކުރިހެން މި ފިލްމަށް ސީޒަންކޮށްފައިވާ ބުރަ މަސައްކަތަކީ ފާހަގަނުކޮށް ދޫކޮށްލަން ޖެހޭ ވަރުގެ މަސައްކަތެއް ނޫނެވެ. އަދި އާންމުކޮށް "ނަހޫ-ސްޓައިލް" ގެ ޖޫސް ތައްޓެއް ބޯލަން ލިބޭ މި ދިވެހި ސިނަމާއިން އާ ރަހަ އަށް ނުވަތަ އެއަށް ވުރެ ފިނި ރަހައެއް ތަޖުރިބާކޮށްލަން ވެސް މި ފިލްމު ބެލުން މުހިންމެވެ.

އަނެއް ސަބަބަކީ ފިލްމަށް ނަގާފައިވާ ފުރިހަމަ ކާސްޓްލައިން އާއި އެމީހުންގެ އާދަޔާހިލާފު ޕާފޯމެންސްތަކެވެ. ވަކި ވަކި ނަންތަކެއް ފާހަގަކުރާ ނަމަ ފިލްމުގައި އަންޑަބޮސްއެއްގެ ރޯލު ކުޅެފައިވާ އަހުމަދު ސައީދު އާއި ސަޕޯޓިން ރޯލަކުން ފެނިގެން ދިޔަ ޒީނަތު އަދި ސިޔާސީ ލީޑަރެއްގެ ގޮތުގައި ފެނިގެން ދިޔަ ތަޖުރިބާކާރު ބަތަލާ އާރިފާ ފާހަގަކޮށްލަން ޖެހޭނެ އެވެ.

އެމީހުންގެ މި ޕާފޯމެންސްތައް ވަނީ ދިވެހި ސިނަމާގެ ސީލިންގުގައި ޖެހިފަ އެވެ. މިސާލަކަށް އެންމެ މަތީ ގިޔަރުގައި ސައީދު އާއި އާރިފާ އާއި ޒީނަތު ޕާފޯމްކުރާއިރު އެ މަންޒަރުން ބެލުންތެރިޔާ އާޝޯހުވާވަރުވެ އެވެ.

ސީޒަން އާއި ރިޝްފާގެ އެކްޓިން ވެސް ގޯހެއް ނޫނެވެ. ޖުމްލަކޮށް މިއީ އެ ފިލްމުގެ އެކްޓިންގެ ކޮންސިސްޓެންސީ ހިފެހެއްޓިފައިވާ ނުވަތަ ހިފަހައްޓަން ޑައިރެކްޓަރު ބުރަ މަސައްކަތެއް ކޮށްފައިވާ ފިލްމެކެވެ. ކިރިޔާ ވެސް ތުންދަމާލެވޭ ވަރުގެ އެކްޓިން ޕާފޯމެންސްތަކެއް ފެނިގެން ދިޔައީ ފިލްމުގައި ދައްކުވައިދީފައިވާ "ގޭންގްތަކުގެ" ޒުވާނުންގެ ކިބައިންނެވެ.

ފިލްމު ބަލަން ދާން ޖެހޭ އަނެއް ސަބަބަކީ އޭގެ އެކްޝަން މަންޒަރުތަކާއި ސްޓަންޓްތަކެވެ. އަދި އޭގެ ބައެއް ވިޝުއަލް އިފެކްޓްސްތަކެވެ.

ދިވެހިން ވެސް މިހާރު "ހޮލީވުޑް އެކްޝަން ފިލްމުތަކުގެ ފެންވަރަށް" އަރަނީއޭ ބުނާ ވަރުގެ ސްޓަންޓްތަކާއި އެކްޝަން ސީންތައް ފިލްމުގައި އެބަހުއްޓެވެ. އެކަމަކު ވެސް ފިލްމުގެ ޗޭސިން ސީންތައް އެހާ ފުރިހަމަ ނޫންކަން ފާހަގަކޮށްލެވެ އެވެ. ފަހަރެއްގައި ރަށެއްގައި ފުލުހުންނަށް ފިލަން ގޭންގް މެމްބަރުން ސައިކަލްތަކުގައި ދުއްވީމަ އާއި އެމީހުން ފަހައި ފުލުހުން ހަމަ އެގޮތަށް ދުވީމަ ކަމަށް ވެސް ވެދާނެ އެވެ.

ފިލްމުގެ ހިތްގައިމު ސިނެމެޓޯގްރެފީ އަކީ މި ފިލްމު ބަލަން ފޫހިނުވި އަނެއް ސަބަބެވެ. ސިނެމެޓިކް ތަފާތު ޓެކްނިކްޓްތައް ތަޖުރިބާކޮށްފައިވާއިރު މިއީ ޒުވާން ކެމެރާމަން މާސްކޭގެ ކުޅަދާނަކަންކަން ފާހަގަކޮށްލަން ޖެހެ އެވެ.

މި ހުރިހައި ކަމަކަށް ފަހު ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އާންމު އުސޫލުން ލަވަތައް ނެތް މި ފިލްމުގައި ބޭނުކޮށްފައިވާ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވަ، "ތީމަގޭ ހިތުގެ ވިންދޭ" އެވެ. މި ލަވަ ފިލްމަށް ތައާރަފްކޮށްފައިވާ ގޮތާއި އޭގެ ތެރެއަށް މަންޒަރުތައް ފައްތާފައިވާ ހިތްގައިމުކަމުގައި ނުޖެހި ސަލާމަތެއް ނުވެވެ އެވެ.

މާސްކޭގެ ސިނެމެޓޯގްރެފީ އާއި ސީޒަންގެ ޑައިރެކްޝަނުން އަދި ލޮނުން ތަތްތެޅިފައިވާ އަހުޝަމް އާއި މައިޝާގެ ރޮމޭންސާ އެކު މި ލަވައިގެ ހިތްގައިމުކަން އިތުރުކޮށްދެ އެވެ. ލަވަ ވަރަށް ވެސް ސެކްސީ އެވެ.

މި ލަވައިގެ އަޑުގެ ވެރިންނަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ ކުޑަ އިއްބެ އާއި އަޝްފާ އެވެ. ފިލްމަށް އުފެއްދި ހަތަރު ލަވަ އަކީ ވެސް ކުޑަ އިއްބެގެ މަސައްކަތެވެ.

މޮޅު ފިލްމެއް ނޫން! އެކަމަކު ބުރަ މަސައްކަތެއް!

އަޅުގަނޑުގެ ހިޔާލަކީ މިއީ އެވެ. "އަހުޝަމް" އަކީ މޮޅު ފިލްމެއް ނޫނެވެ. އެކަމަކު ވަރަށް ވެސް ބުރަ މަސައްކަތެވެ. މޮޅު ފިލްމެއް އުފެއްދުމަށް ބަޔަކު މީހުންކޮށްފައިވާ ބުރަ މަސައްކަތެވެ. އެކަމަކު ކޮންމެ ބުރަ މަސައްކަތެއް މޮޅު މަސައްކަތަކަށް ވާން ޖެހޭ ހެއްޔެވެ؟

އެހެން ދިވެހި ފިލްމުތަކާ ނުވަތަ އާންމުކޮށް ބަލަން ލިބޭ ދިވެހި ފިލްމުތަކާ އަޅާބަލާއިރު ފިލްމުގެ ރަހަ ތަފާތެވެ. ފިލްމުގައި އެކްޝަން އަދި ރޮމޭންސްގެ ކުލަ ޖައްސާފައިވާ ގޮތާއި އޭގެ ދެމެދަށް ކޮމެޑީ ސްކެޗު ލުމަށް ސްކްރީން ރައިޓަރު މަހުދީ ކޮށްފައިވާ މަސައްކަތް ވެސް ރަނގަޅެވެ.

އަދި މި ފިލްމަކީ ދިވެހި ސިނަމާ އަށް ބަލާއިރު ވެސް ތަފާތު މަސައްކަތެކެވެ. އެކަމަކު އަޅުގަނޑަށް މި ފިލްމު މޮޅު ނުވީ އޭގައި އޮރިޖިނަލް ކަމެއް ނެތީމަ އެވެ. މަސާލާ ފިލްމަކަށްވިޔަސް މީގެ މެއިން ޕްލޮޓަކީ ނިކަން ބައު ޕްލޮޓެކެވެ. މީގެ ފިލްމެއް އޮލިމްޕަހުން ބަލާލަން ނުލިބުނަސް ބޮލީވުޑުން މި ވައްތަރުގެ އެތައް އަހްޝަމެއް ވަނީ ނުކުމެފަ އެވެ.

އެ ފިލްމުތަކާ މި ފިލްމާ ހަގީގަތުގައި މާ ބޮޑު ތަފާތެއް ނެތެވެ. ފަހަރެއްގައި ހަމައެކަނި ތަފާތަކީ ސީޒަންގެ ފިލްމުގައި "އައިޓެމް" ލަވައެއް ނެތް ކަމެވެ.

އެހެން ހުރިހާ ޑިޕާޓްމަންޓަކުން ސީޒަން ވަނީ ނިކަން ގަދަ އަށް މަސައްކަތްކޮށް ބޮލީވުޑްގެ މަސާލާ ފިލްމެއްގެ ސިފަ ވަރަށް ފުރިހަމަ އަށް މި ފިލްމުގައި ޖައްސައިފަ އެވެ. އެކަމަށް ފަސް ތަރި އެވެ. އެކަމަކު މިއީ މޮޅު ފިލްމެއް ނޫނެވެ.

މިއީ "ސިންގަމް" ނުވަތަ "ދަބަންގް" ގެ ކޮޕީއެއްތަ؟

ނޫނެކެވެ. މިއީ އެ ރަހަގަނޑެވެ. ކުރިން ވެސް ދެންނެވިހެން މިއީ "މަސާލާ" ފިލްމެކެވެ.

މި ފިލްމަކީ "ސިންގަމް" ގެ ކޮޕީއެކޭ ބުނާ މީހުން ވަރަށް ގިނަ އެވެ. އެމީހުން އެހެން އެ ބުނަނީ ފިލްމުގެ ޕްލޮޓްގެ މެއިން އެލެމެންޓްތައް "ސިންގަމް" ނުވަތަ "ދަބަންގް" ނުވަތަ މި ވައްތަރުގެ އެހެން އިންޑިއަން ފިލްމުތަކާ ވެސް ވައްތަރުވީމަ އެވެ. އެހެންވީމަ މިއީ "ސިންގަމް" ކޮޕީއެއް ނޫނޭ ކިތަންމެ ވަރަކަށް ބުނެދޭން އުޅުނަސް ބައެއް މީހުންނަށް އެކަން ގަބޫލެއް ނުކުރެވޭނެ އެވެ.

ސަބަބަކީ "ސިންގަމް" އާއި "ދަބަންގް" އަކީ ދިވެހިންގެ މެދަށް "އަހުޝަމް" އަށް ވުރެ ކުރިން އައިސް މާ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ފިލްމުތަކަކަށްވީމަ އެވެ. އަނެއްކޮޅުން "އަހުޝަމް" ގެ ނޯމަލް ގަމީސް ނުވަތަ ޓީޝާޓާއި ޖީންސު "ދަބަންގް" ގެ ޗުލްބުލް ޕާންޑޭގެ ހެދުންއެޅުމުގެ ސްޓައިލާ ވައްތަރުވުމަކީ ވެސް ސީޒަން ކޮޕީކުރީއޭ މީހުން ކިޔާނެ ކަމެކެވެ.

އެހެންވީމަ ބައެއް މަސައްކަތަކުން އިންސްޕަޔާވާއިރު ވީހާ ވެސް ގިނަ އަމިއްލަ ހިޔާލުތަކެއް ނުވަތަ އޮރިޖިނަލް އެލެމެންޓްތަކެއް އޭގެ ތެރެއަށް އިތުރުކުރެވޭތޯ ބެލުމަކީ ފަހަރެއްގައި އެފަދަ ފާޑުކިޔުންތަކުން ސަލާމަތްވެވިދާނެ ކަމެކެވެ.

މި ފިލްމަކީ ހިންދީ ފިލްމެއްގެ ކޮޕީއެކޭ ނުބުނާނަމެވެ. އެކަމަކު މިއީ "ސިންގަމް" ފަދަ މަސާލާ ފިލްމުތަކުން އިންސްޕަޔާވެގެން އުފަންވި "އަހުޝަމް" އެކެވެ.