ކުޑަހުވަދޫ

ފަލަސްތީނަށް އެހީވުމުގައި ކުޑަހުވަދޫން ނަމޫނާ ދައްކައިފި

Jun 7, 2021

"ފަލަސްތީނާ އެކު ކުޑަހުވަދޫ" ގެ ނަމުގައި ދ. ކުޑަހުވަދޫ އިން ކުރިއަށް ގެންދިޔަ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ކެމްޕޭނު ކުރިއަށް ގެންގޮސްފައި ވަނީ ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށު ކައުންސިލް ގުޅިގެންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޖަމިއްޔާގެ ރައީސް އިސްމާއިލް އާދިލް ވިދާޅުވީ މި ހަރަކާތުން ދެ ލައްކައަށްވުރެ ގިނަ ފައިސާ ލިބުނެވެ. މިއީ މިހާތަނަށް އަތޮޅުތެރޭގެ ރަށަކުން ފަލަސްތީނަށް އެހީވާން ކުރިއަށް ގެންދިޔަ ކެމްޕޭނުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ކެންޕެއިނެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޑަހުވަދޫގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ފަލަސްތީނުގެ ދިދަ ޖެހި ޓީޝާޓު ވަނީ ވިއްކާފަ އެވެ. އަދި އެރަށުގެ ފިހާރަތަކުގައްޔާއި މިސްކިތްތަކުގެ ފަންޑު ފޮށި ބެހެއްޓި އެވެ. މީގެ އިތުރުން އޮންލައިނުކޮށް ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވައިލި އެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު ޓެލެތޯނެއް ވެސް ވަނީ ބާއްވާފަ އެވެ.

މީގެ އިތުރުން ކުޑަހުވަދޫގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ބައިވެރިވި ލައިވް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މި ލައިވް ޕްރޮގްރާމުގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެގައުމުގެ ހާލަތާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރުމާއި އެމީހުން ކުރިއަށް ގެންދާ ފަންޑް ރެއިޒިން އިވެންޓްގެ މައުލޫމާތު ދިނުމެވެ.

މިފަދަ ކަންކަމުގައި އަބަދުވެސް ކުޑަހުވަދޫ ރައްޔިތުން އެއްބާރުލުން ދީ ނަމޫނާ ދައްކާކަން އިސްމާއީލް ވަނީ ޝުކުވެރި ކަމާއެކު ފާހަގަކޮށްފަ އެވެ. މި ކެމްޕޭނަށް އެހެން ރަށްރަށުގެ ރައްޔިތުންވެސް އެހީތެރިވެދިނެވެ.