ކުޑަހުވަދޫ

ފަލަސްތީނަށް އެހީވުމުގެ ހަރަކާތުގެ ކުރީގައި ކުޑަހުވަދޫ

Jun 1, 2021
1

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދ. ކުޑަހުވަދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

"ފަލަސްތީނާ އެކު ކުޑަހުވަދޫ" ގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށު ކައުންސިލް ގުޅިގެން ހިންގާ ހަރަކާތެކެވެ. ޖަމިއްޔާގެ ރައީސް އިސްމާއިލް އާދިލް ވިދާޅުވީ މިއީ ރަށަށް ހާއްސަކޮށްގެން ހިންގާ ހަރަކާތްތަކެއް ނަމަވެސް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ކުޑަހުވަދޫގައި ހިންގާ އިވެންޓް ކުރިއަށް ގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރު ވަނަ ދުވަހަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އިސްމާއިލް ވިދާޅުވީ ކޮންމެ ރެއެއްގެ 9:15 އިން 9:45 އަށް ލައިވް އިވެންޓެއް ވެސް ބާއްވާ ކަމަށެވެ. މި އިވެންޓްގައި ރަށުގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ބައިވެރިވެ ފަލަސްތީނުގެ ހާލަތާ ގުޅޭ މައުލޫމާތުތައް ހިއްސާކުރެ އެވެ.

"ލައިވް ޕްރޮގްރާމުގައި އެކިއެކި ބޭފުޅުން ބައިވެރިވެގެން ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކާނެ. މިއީ އެވެއާނެސް ޕްރޮގްރާމެއް އަސްލު. އަދި އަޅުގަނޑުމެން ހިންގާ އިވެންޓުގައި ފަންޑް ރެއިޒް ކުރުމަށް ކުރާ ކަންތައްތަކުގެ މައުލޫމާތު ހިއްސާ ކުރާނެ. އަޅުގަނޑުމެން ވާނީ ރަށުގެ ރައްޔިތުން މިކަމަށް އަހުލުވެރިކުރުމަށް ހުރިހާ ގެއަކަށް ލީފްލެޓުވެސް ބަހާފައި." އޭނާ ވިދާޅުވި އެވެ.

ލައިވް ޕްރޮގްރާމް ޖަމިއްޔާގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބުން ވެސް ބަލައިލެވޭނެ އެވެ.

އިސްމާއީލް ވިދާޅުވީ އިވެންޓް ކުރިއަށް ގެންދާ އެންމެ ފަހު ދުވަސް ކަމަށްވާ މިމަހުގެ ހަތަރު ވަނަ ދުވަހު ޓެލެތޯނެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި ކުޑަކުދިން ޝުއޫރުފާޅުކޮށް ހިއްސާކުރާ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ދިދަ ޖެހި ޓީޝާޓު ވިއްކާ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ޓީޝާޓެއް ވިއްކަނީ 120ރ. އަށެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޑަހުވަދޫގެ ހުރިހާ ފިހާރައެއްގައި ވަނީ ފަންޑު ފޮށި ބަހައްޓާފަ އެވެ. އޮންލައިންކޮށް ޓްރާންސްފާ ކުރަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު އެބައޮތެވެ.