މުހައްމަދު އަސްލަމް

ތަހުގީގަށް ސަރުކާރުން ހުރަހެއް ނާޅާ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން އެއްވެސް ވަރަަކަށް ހުރަސް އަޅާފައި ނުވާ ކަމަށް އެ އިންކުއަރީ ކުރިއަށް ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅަމުން ނުދާ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ މަޖިލީހުގެ އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބައެއް މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ.

އިންކުއަރީއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީ އަށް ހުރަސް އަޅަން ސަރުކާރުން ކުރާ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"ސީދާ ރައީސް ސޯލިހު ވެސް އަޅުގަނޑާ ކުރެއްވި މުއާމަލާތެއްގައި މި އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިވަނީ. އެހެންވީމާ އަޅުގަނޑަކަށް އަދި ނުފެނޭ [ނުފޫޒެއް އޮތް ތަނެއް]. ރައީސް ނަޝީދު ވެސް ބޭނުންފުޅުވާނެ މުޅި ރާއްޖޭގެ އަދި ހުރިހާ މުއައްސަސާތަކުން ބޭނުންވާނެ ފުރިހަމަ އިންކުއަރީއަކަށް މި އިންކުއަރީ ވާން،" އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުތައް ކުރެވިފައިވާއިރު މަޖިލީހުގެ ރައީސް ނަޝީދު ވެސް އިންކުއަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. އެގޮތުން އިންކުއަރީއަށް ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމަށް ބުނެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން މަޖިލީހުން ފާސްނުކޮށް ފޮނުވުން ބައެއް ބޭފުޅުން ދެކެނީ ނުފޫޒު ފޯރުވުން ކަމަށެވެ.

ރައީސް ނަޝީދުގެ އެއްވެސް ނުފޫޒެއް އިންކުއަރީ އަށް އޮތްތޯ ނޫސްވެރިއަކު މިއަދު ސުވާލުކުރުމުން އެކަމުގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ނުފޫޒެއް ވެސް ނެތް ކަމަށެވެ. ވިދާޅުވީ ރައީސް ނަޝީދު އެ އިންކުއަރީ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުއްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެފަދަ ނުފޫޒަކަށް ތަބާވެސް ނުވާނެ ކަމަށެވެ.

"ދެން އަޅުގަނޑު ބޭނުންވާނީ ވީހާވެސް މިނިވަންކޮށް ވަކި އަތަކަށް ނުޖެހި މި ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން. އެ އުސޫލުން ހަމަ އަޅުގަނޑުމެން މަޝްވަރާ ކުރެވިގެން ކުރިއަށް މިދަނީ. އަޅުގަނޑުމެން ކުރާނެ ސުވާލުތަކާއި ނިންމާނެ އަދި ނިންމާނެ ނިންމުންތަކާއި އޭގައި އަދި އެކަހަލަ މައްސަލައެއް ދިމައެއް ނުވޭ،" އަސްލަމް ވިދާޅުވި އެެވެ.