މުހައްމަދު އަސްލަމް

ބަންޑާރަ ގޯތި ދޭ އުސޫލު ބަދަލުކުރަން ސިޔާސީ ލީޑަރުން ބޭނުމެއް ނުވޭ: އަސްލަމް

ބަންޑާރަ ގޯތި ދޭ އުސޫލު ބަދަލުކުރަން ސިޔާސީ ލީޑަރުން ބޭނުންނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދިނުމަކީ ރާއްޖޭގައި ކުރިންވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި މިހާރުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

"ދިވެހިން ގަބޫލުކުރަނީވެސް ބަންޑާރައިން ގޯތި ދޭންޖެހޭ ކަމަށް. ސިޔާސީ ލީޑަރުންވެސް ތިބީ އެކަން ހުއްޓާލާ ގޮތަކަށް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުން ގޯތިދޭ ގޮތަށް މާލެ އާއި ހުޅުމާލެއިންވެސް ގޯތި ދޭން ޖެހޭ ކަމަށެވެ.

ބިމުގެ އަގު ހުންނަކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ބިން ހިއްކުމަށް ހަރަދު ހިނގަނީ އެއްވަރަށް ކަމަށެވެ.

"ހަރަދު ހިނގަނީ އެއް ވަރަކަށް. ބިން ހިއްކަން ހުޅުމާލެ ވިޔަސް އަދި އެހެން ރަށެއް ކަމަށްވިޔަސް. ކޮންމެ ވެލި ކޮޑި މީޓަރަކަށްދާވަރު އެދަނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް އަމަލުކުރަނީ ކުރިންވެސް އަމަލުކުރަމުންދިޔަ ގޮތަށް ކަމަށާއި އެ ނިޒާމު ބަދަލު ގެންނަން އެންމެން އެއްބަސްވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދިނުމަކީ ދުރު މުސްތަގުބަލަށް ބަލާއިރު ސަސްޓެއިނަބަލް ގޮތެއްގައި ކުރެވޭނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވާއިރު މާލޭ ރައްޔިތުންނަށް 5،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.