އަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވި ތާރީހުގެ ތެރެއަށް ވަޑައިގެންފި އެވެ. ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ މިރޭ ބޭއްވި އިންތިހާބުގެ ވޯޓްގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގައި މިވަގުތު ހުންނެވި އެންމެ ބޮޑު ތަޖުރިބާކާރު، ޝާހިދު އެ އިންތިހާބު ކާމިޔާބު ކުރެއްވި އިރު އެ މަގާމަށް ވަޑައިގަތުމަށް ކެމްޕޭން ކުރެއްވުމަށްޓަކައި އދ. ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގައި އޭނާ ހުންނަވާތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ.

މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ލީ ސިއްރު ވޯޓެކެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ. 

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ. ޝާހިދު އިންތިހާބުވެ ވަޑައިގަތީ އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށާނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ.

އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.

އަބްދުﷲ ޝާހިދުގެ ކުރު ތައާރަފެއް
ދަރަވަންދޫގޭ މޫސާ ޖަމީލްގެ އަބްދުﷲ ޝާހިދު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބާއި ސިޔާސަތުގެ އާއިލާއަކަށެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީއަކީ މިނިސްޓަރުގެ ބޮޑުބޭބެ އެވެ. ރިހި ދުލުގެ ވެރިޔާ އިބްރާހިމް ޝިހާބަކީ ޝާހިދުގެ ބައްޕައާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭގެ ފަހަށް ޝާހިދު ވަނީ މޮޅަށް ކިޔަވާ ވިދާޅުވެ އަދި މަތީ ތައުލީމް ހާސިލް ކުރައްވާ ރާއްޖޭގައި ވާހަކަ ދެއްކުމުގެ ގައުމީ ފުރަތަމަ އަދި ތާރީހީ މުބާރާތުން އެއްވަނަ ހޯއްދަވާފަ އެވެ.

ސްކޫލް ނިންމެވި ގޮތަށް އަބްދުﷲ ޝާހިދު ފުރަތަމަ ވަދެވަޑައިގެންނެވީ ވެސް ފޮރިން މިނިސްޓްރީއަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ރާއްޖޭގެ ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ވެސް ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދެވެ.

ކެމްޕޭނުގައި ވިދާޅުވި ގޮތުން ޝާހިދު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމަކީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލާއާފާތުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ. އަދި މޫސުމީ މައްސަލަތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން ބާރު އެޅުއްވުމާއި ދެމެހެއްޓެނިވި ގޮތަކަށް ގައުމުތައް ތަރައްގީކޮށް އާރާސްތު ކުރަން މަސައްކަތް ކުރެއްވުމެވެ.

މި އިންތިހާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. މި ސަރަހައްދުން މީގެ ކުރީން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ